ދުވާލެއްގެތެރޭ ފުރާންސުން ކޮވިޑް-19 އަށް 41،622 މީހުން ޕޮޒިޓިވުވުމާއި ގުޅިގެން ފުރާންސުގެ ގިނަ ސަރަހައްދުތަކެއްގައި ރޭގަނޑު ބޭރަށް ނިކުމެ އުޅުން މަނާކޮށް ކާފިއު އިއުލާން ކޮށްފިއެވެ.
ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން މައުލޫމާތު ދޭގޮތުގައި މި ކާފިއު އިއުލާން ކުރުމާއި ގުޅިގެން ފުރާންސުގް 2/3 ގައި މިހާރު މިވަނީ ކާފިއު އިއުލާން ކުރެވިފައެވެ. އަދި މި ކާފިއުގެ އަސަރު 46 މިލިއަން މީހުންނަށް ކުރާނެއެވެ.
މީގެ ހަފްތާއެއް ކުރިން ކާފިއު އިއުލާން ކޮށްފައިވަނީ ޕެރިހުގައާއި އަދި އިތުރު އަށް ސިޓީގައެވެ. އަލަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން އިތުރު 38 ސަރަހައްދެއްގައިވަނީ ރޭގަނޑު 21:00 އިން ހެނދުނު 6:00 އާއި ހަމައަށް ބޭރަށް ނިކުމެ އުޅުން މަނާކޮށްފައެވެ.
ފުރާންސު ހިމެނެނީ ވިލާތުގެ ގައުމުތަކުގެ ތެރެއިން ތިންވަނައަށް ކޮވިޑް-19 އަށް އެންމެ ގިނަ މީހުން ޕޮޒިޓިވުވި ގައުމުގެ ގޮތުގައެވެ. މިގޮތުން ފުރާންސުންވަނީ 999,043 މީހުން މިބައްޔަށް ޕޮޒިޓިވުވެފައެވެ.
ވިލާތުގެ ގިނަ ގައުމުތަކެއްގައި އައްނަނީ އަނެއްކައިވެސް ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންނެވެ. މިއާއެކު މިސަރަހައްދުގެ ގައުމުތަކުން އަންނަނީ މިބަލި ފެތުރުން ކޮންޓުރޯލް ކުރުމަށް ހާއްސަ ފިޔަވަޅުތައްވެސް އަޅަމުންނެވެ.