ހުޅުމާލޭގެ ޓެކްސީއަކުން ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފުލުހުން މިރޭ އަތުލައިގަނެފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ޑުރަގް އެންފޯސްމެންޓް ޑެޕާޓްމެންޓުން ކުރިއަށް ގެންދިޔަ މި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ބަނގުރާ ފުޅިތައް އަތުލައިގަނެފައިވަނީ ހުޅުމާލޭ ފުލެޓް 102 ސަރަހައްދުންނެވެ.
މިނޫހަށް އިނގިފައިވާ ގޮތުގައި މިރޭ ހިނގުނު އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށްވަނީ ގިނަ އަދަދެއްގެ ބިއަރު ދަޅުތަކާއި އަދި ބަނގުރާ ފުޅިތަކެއް ގެނެވިފައެވެ.

މި އޮޕަރޭޝަނާއި ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައި ނުވާތީވެ މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ މީހުންގެ އަދަދާއި އަދި މިނޫންވެސް މިފަދަ އޮޕަރޭޝަނާއި ގުޅުންހުރި މައުލޫމާތުތައްވަނީ ނުލިބިއެވެ.
ޓެކްސީ ފަދަ ތަކެތި ބޭނުން ކޮށްގެން މާލޭގެ އެކި ސަރަހައްދުތަކަށް ބަނގުރާ އުފުލުމުގެ މައްސަލައަކީ މީގެކުރިންވެސް ދިމާވެފައިވާ މައްސަލައެކެވެ. އަދި މިފަދަ ހާދިސާތަކުގައި ގިނަ އަދަދެއްގެ ބަނގުރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވެއެވެ.




