ހަލުވިކަމާއެކު މުޅިދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ފްރާންސް އިން ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކަށް އަރައިފިއެވެ. މިއާއެކު ފްރާންސް ވެގެން ގޮސްފައިވަނީ މިލިއަނަކަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހުނު ހަތްވަނަ ޤައުމަށެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ފްރާންސް އިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 1,041,075 އެވެ. އަދި މިބަލީގައި 34,508 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި މިހާތަނަށް އެޤައުމުން ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ، 109,486 މީހުންނެވެ.
ފްރާންސްގައި މިހާރު މިބައްޔަށް ފަރުވާ ހޯދާ މީހުންގެ އަދަދަކީ 897,081 އެވެ. އަދި މީގެތެރެއިން 2,441 މީހެއްގެ ހާލު ސީރިއަސް ވެގެން ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ.
ކޮވިޑް-19ގެ ސަބަބުން އެންމެ ޙާލަތު ގޯސްވެފައިވާ ޤައުމުގެ ގޮތުގައި އޮތް އެމެރިކާގައި މިހާތަނަށް 8.4 މިލިއަން މީހުންނަށްވަނީ ބަލި ޖެހިފައެވެ. ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި 7.8 މިލިއަން މީހުންނަށްވަނީ ބަލިޖެހިފައެވެ. ދެން އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ ބުރެޒިލުގައެވެ. އެއީ 5.3 މިލިއަން މީހުންނެވެ.
އެއް މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާ އެހެން ޤައުމުތަކަކީ ރަޝިޔާއާއި އާޖެންޓީނާއާއި ސްޕެއިނެވެ. އެ ތިން ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު މިހާތަނަށް ދެ މިލިއަނަށް އަރައިފައެއް ނުވެއެވެ.




