އައްޑޫ ސިޓީ ހިތަދޫ މެދު ސަރަހައްދުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް އެއްކޮށް ނިމި، އެ ސަރަހައްދުގެ ގެތަކަށް ނަރުދަމާގެ ހިދުމަތް ދޭން ފައްޓައިފިއެވެ. މިއީ ދިހަ އަހަރުގެ އިންތިޒާރީއަށްފަހު އަސާސީ ޙިދުމަތް ފުރިހަމަވެގެންދިޔުމާއެކު، އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދިޔަ އުފަލާއި ހިތް ހަމަޖެހުމެކެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު ވިދާޅުވީ، 10 އަހަރުގެ އިންތިޒާރީއަށްފަހު އެ ސަރަހައްދުގެ ގެތަކަށް ނަރުދަމާގެ ކަނެކްޝަން ދޭން ފެއްޓިގެން ދިއުމަކީ ލިބުނު ހިތްހަމަޖެހުމެއްކަމަށެވެ.
އައްޑޫ ހިތަދޫ މެދު ސަރަހައްދުގައި ދިރިއުޅުއްވާ ރައްޔިތުންގެ ކެއްތެރިކަމާއި އަދި ރައްޔިތުން މި މަސައްކަތަށް ދެއްވި އެއްބާރުލުމަށް ފެނަކައިގެ އެމްޑީ ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.
Addu City Hithadhoo medhu sarahadhdhuge narudhamaa nizaamuge masakkai nimi 10 aharuge inthizaaru akah fahu e sarahadhdhu ge gethakah connection dheyn fettigen dhiumee libunu hiyhama jehumeh. E sarahadhdhu ge rayyithun ge keiytheri kamaai dhevvi ehbbarulumah shukuru verivan. pic.twitter.com/f0zctV6hbi
— Ahmed Saeed Mohamed (@myfoona) October 24, 2020
އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ދިންތާ 10 އަހަރުވެގެން ދިޔައިރުވެސް، ނަރުދަމާފަދަ އަސާސީ ބޭނުންތައް ފުރިހަމަނުވެފައި އޮތުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ.
އެގޮތުން، އައްޑޫ ސިޓީގައި އެންމެ ފުރަތަމަ ނަރުދަމާ ނިޒާމް އަޅަން ފެށީ 2010 ވަނަ އަހަރުގައި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައެވެ. އަދި އޭރު ނަރުދަމާ އަޅަން ފެށީ ހިތަދޫ މެދު ސަރަހައްދުންނެވެ.
ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުން ފެށި ނަރުދަމާ ނިޒާމްގެ މަސައްކަތްތައް ސަރުކާރު ބަދަލުވުމާ އެކު ހުއްޓާލަން ޖެހުމުގެ ސަބަބުން މި މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވެއެވެ.
އޭގެ ފަހުން، އައްޑޫ ސިޓީގެ ހިތަދޫ މެދު ސަރަހައްދު ނަރުދަމާ ނިޒާމުގެ ނުނިމި އޮތްބައި ނިންމުމަށް 12 މިލިއަން ރުފިޔާ އަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފައިވަނީ، އޭގެ ކުރިން މި މަސައްކަތް ކުރަން ހަވާލުކުރި ބައިވޯޓާ އިންޓަނޭޝަނަލް ލިމިޓެޑްއިން 3 އަހަރުވެގެން ދިޔައިރުވެސް އެ މަސައްކަތް ނުނިންމުމުންނެވެ.



