އަށް އަތޮޅެއް ޔެލޯ އެލާޓުގައި، ސަމާލުވުމަށް އިލްތިމާސްކޮށްފި

ބޯކޮށް ވާރޭ ވެހި ގިނަ ރަށްތަކެއްގައި ފެން ބޮޑުވެފައި ވަނިކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން އަށް އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ، ވ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށެވެ.

މިރޭ މެންދަމު 00:15 އިން ފަތިހު 04:15 އަށް ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ، ވ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މީގެ އިތުރުން އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް، ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

"ބޯކޮށް ވާރޭވެހި ، ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭތީވެ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަން." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން ވިދާޅުވީ، ދެކުނާއި މެދުތެރޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުންް އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން އަތޮޅުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ކަނޑުތަށް ދެކުނުގައި އާދައިގެވަރަކަށްގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
51
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ