2020 ޖޫން 25 ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ފތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާއި ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައި ވަނީ ރޭ ދިވެހިރާއްޖޭގެ އަޑުން ފޮނުވި ޕްރޮގްރާމެއްގައި އެހުންތެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އިމްރާން ވިދާޅުވީ، އެ މައްސަލާގައި ޕްރޮސީޖަރަލް މައްސަލަތަކެއް އެބަހުރި ކަމަށާއި ނަމަވެސް ކަންހިނގައި ދިޔަ ގޮތަށް ބަލާއިރު އާންމުންގެ ތެރޭ ވާހަކަ ދެކެވުނީ ކަން ހިނގި ގޮތަށްވުރެ މާ ބޮޑުކޮށް ކަމަށެވެ.
"ތީގައި ވަރަށް ތެދަށް ދަންނަވާނީ. ބައެއް ކަންކަން، އެންމެ ފުރަތަމަ އޭނަ [ވިކްޓިމް] ގެންގޮސް ދޫކޮށްލުމުގައްޔާއި އެކަންތަކުގައި އެބަހުރި ޕްރޮސީޖާ އިން ބޭރު ކަންތައްވެސް،" މިނިސްޓަރު ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އެ ރޭ ސަފާރީގައި ހިނގީ ރޭޕް އަށްވުރެ މާ ކުޑަ ކަމެއް ކަަމަށާ އެއީ އާންމުތަނެއްގައި ހުރެވެސް މީހަކު ކޮށްފާނެ ފަދަ ކަމެއް ކަމަށެވެ. އަދި ބައެއްގެ ތެރޭގައި އެކަން މީހަކު ކުރިނަމަވެސް އެއީ ހިނގި ކަމެއްކަން ނޭންގޭ ގޮތަށްވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.
""އަޅުގަނޑުވެސް އެ ވާހަކަތައް އަޑު އެހީމާ، އެ ވާހަކަތައް ފެތުރިގެން އައީމަ އަޅުގަނޑަށްވެސް ތަސައްވުރު ކުރެވުނީ ވަރަށް ބޮޑު ރޭޕް ކޭސްއެކޭ އެއީ މި އޮތީ އިނގޭތޯ. އެކަމަކު އެ މައްސަލަ ގޮސް ރަނގަޅަށް ބަލާލާ ކައިރިން ދެނެގަތީމަ. ހަމަ ތެދެއް މި ދެންނެވީ އަޅުގަނޑުވެސް އެ ވާހަކަ އަޑުއެހީމާ، އެ ވާހަކަ ފެތުރިގެން އައީމާ އަޅުގަނޑަށް ވެސް ތަސައްވަރު ކުރެވުނީ ހަމަ ވަރަށް ބޮޑު ރޭޕް ކޭސް އެކޭ މިއީ. އެހެންނަމަވެސް އެ މައްސަލަ ގާތުން ބަލާލީމާ [އެނގޭ އެހެން ނޫންކަން.] އަޅުގަނޑަށް ދެން މިކަހަލަ ތަނެއްގައި އެހާ ފަސޭހައެއް ނޫން އެ ހިނގާފައި އޮތް ކަންތައް ނުވަތަ އެ އިބާރާތް ބޭނުން ކުރާކަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މައްސަލާގައި ހިމެނޭ އަންހެން މީހާ އޭނާގެ ބަޔާން އެކި ފަހަރު މަތިން ބަދަލުކޮށްފައިވާ ކަމަށާއި އަދި ހަގީގަތެއް ނެތް ވާހަކަތަކެއް މީޑިއާއާ އާންމުންގެ ތެރޭގައި ފެތުރުނީ ދޫކޮށްލުމުގައި އަމަލުކުރި ގޮތުން ކަމަށް އިމްރާން ވިދާޅުވިއެވެ.
"އާންމުންގެ ތެރޭގައި މި ދެކެވޭ ކަހަލަ ބޮޑު ރޭޕްކޭސްއެއް ހިނގާފައެއް ނެތް އަސްލު. މިއީ ހަގީގަތަކީ،"
ސަފާރީގައި ބަނގުރާ ބޭނުންކުރި މައްސަލަ ބަލާފައި ނުވާތީ އެކަމާ ގުޅޭގޮތުންވެސް ސުވާލު ކުރެވުނު ނަމަވެސް އެ ސުވާލަށް އެކަށީގެންވާ ޖަވާބެއް އިމްރާން ނުދެއްވި އެވެ. ވިދާޅުވީ ރިޕޯޓް ކުރެވުނު މައްސަަލައާއި އޭގެ ތެރެއިން ފާހަގަ ކުރެވޭ މައްސަލަތައް
ބެލޭނެ އުސޫލެއް އޮންނަ ކަމަށެވެ.
"ރިޕޯޓް ކުރެވުނީ ރޭޕް ކޭސްއެއް. ދެން މިހާރު މި ސުވާލުކުރަނީ ބަނގުރަލުގެ މައްސަލަ ނުބަލީ ކީއްވެހޭ،" އިމްރާން ވިދާޅުވިއެވެ.




