ފެންފުށިން އަނެއްކާވެސް 1 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައިފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އދ އަތޮޅުގެ ބައެއް ޕޮލިސް ސްޓޭޝަންތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެންފުށިން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ ފެންފުށީގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ރައްކާކޮށްފައިވާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މަހިބަދޫ ޕޮލިސް ސްޓޭޝަނާއި މާމިގިލި ޕޮލިސް ސްޓޭޝަނާއި ފެންފުށި ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެން މި އޮކްޓޯބަރ 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެރަށު ވަލުތެރެ ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ކޮތަޅެއް ހޯދާފައިވާކަމަށެވެ.

އެގޮތުން މި ތަކެތީގެ ވަގުތީ ބަރުދަނުގައި އެއް ކިލޯ 20 ގުރާމް ހުރިކަަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ މި ތަކެއްޗަކީ މި އޮކްޓޯބަރ 08 ވަނަ ދުވަހު ފެންފުށިން އަތުލައިގަތް ކްރިސްޓަލް މެތު ކަމަށް ބެލެވޭ ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތީގެ މައްސަލައާއި ގުޅުންހުރި މަސްތުވާތަކެތި ކަމަށެވެ.

މި މައްސަަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އޮކްޓޫބަރު 8 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ފެންފުށީ ގެއެއް ބަލައިފާސްކޮށް، ބައިކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ވަނީ 39 އަހަރުގެ ދިވެހި ފިރިހެއް ހައްޔަރު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ