މީޑިއާތަކުން ފަތުރާފައިވާ ވާހަކަތަކުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދައްކަވާފައިވާ ވާހަކަތަކުގެ ހަގީގަތް އޮޅޭ ކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވެފައި މިވަނީ ރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމްއެއްގައި ވާހަކަފުޅު ދައްކަވަމުން ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލާއާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަ ފުޅުތަކަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެންނެވެ.
ބިދޭސީ އަންހެން މީހާއަށް ކުރި ޖިންސީ އަނިޔާއަކީ މާ ބޮޑު ކަމެއް ނޫން ކަމަށް ދޭހަވާ ފަދަ މޭރަމަކުން މިނިސްޓަރ ވަނީ ވާހަކަ ފުޅު ދައްކަވާފައިވާ ފައެވެ. އެގޮތުން ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީގައި ހިނގާދިޔަ ކަންކަމަކީ އާންމު ތަނެއްގައިވެސް ކޮންމެ މީހަކަށް ވެސް ކުރެވޭ ވަރުގެ ކަންކަން ކަމުގައި އިމްރާން ވަނީ ވިދާޅުވެފައެވެ.
އިމްރާން ވިދާޅުވެފައި ވަނީ ނަމަވެސް މިވާހަކަ އާންމުންނާއި ހިސާބަށް ގެނެސްދީފައި ވަނީ މާ ބޮޑު ކޮށްލައިގެން ކަމަށެވެ.
އިމްރާންގެ މި ވާހަކަ ފުޅުތަކަށް ގިނަބައެއްގެ ފާޑު ކިޔުން އާމާޒު ވަމުން ދާއިރު ދާދި ދެންމެ މިނިސްޓަރ ވަނީ މިކަމާއި ގުޅިގެން ޓްވީޓެއް ކުރައްވާފައެވެ.
މި ޓްވީޓްގައި އިމްރާން ވިދާޅުވެފައި ވަނީ އަންހެނަކަށް ޖިންސީ އަނިޔާއެއް ނުވަތަ ފުރައްސާރައެއް ކުރުމަކީ ކުޑަކަމެއްނޫން ކަމަށާއި، އެއީ ބޮޑު ކަމެއްކަމަށެވެ. "އެއީ ކުޑަކަމެއް ކަމަށް އަޅުގަނޑު ބުނެފަވެސް ނުވާނެ" އިމްރާން ވިދާޅުވެފައިވެއެވެ.
އިމްރާން އިތުރަށް ވިދާޅުވެފައި ވަނީ އެބޭފުޅާއާއި ގުޅޭ ގޮތުން މީޑިއާގައި ފަތުރާފައިވާ ބައެއް ވާހަކަތަކުން އެބޭފުޅާ ބުނި އެއްޗެއްގެ ހަގީގަތް އޮޅޭ ކަމުގައި ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ. އިމްރާން ވަނީ ހުރިހާ ދިވެހި ނޫސްވެރިންވެސް މަސައްކަތުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓެވުން އެދޭ ކަމުގައި ވިދާޅުވެފައެވެ.
މީގެ އިތުރުން އިމްރާން ވަނީ އެބޭފުޅާ ބުނި އެއްޗަކުން ގޯސް މާނައެއް އެއްވެސް ފަރާތަކަށް ދޭހަވާނަމަ އެއީ އެބޭފުޅާގެ މަޤްސަދު ނޫންކަން ސާފުކޮށް ދަންނަވާފައެވެ. އަދި އޮޅުން އަރާފަދަ ބަހެއް ބުނެވިފައި އޮތްނަމަ މާފައް އެދޭ ކަމުގައިވެސް މިނިސްޓަރ އިމްރާން ވިދާޅުވެފައިވެއެވެ.



