އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަނީ!

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން އިދިކޮޅުން ތައްޔާރުވެއްޖެއެވެ.

އެކަން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޗީފް ސްޕޯކްސް ޕާސަން ހީނާ ވަލީދުވަނީ ކަށަވަރުކޮށްދީފައެވެ. ހީނާ ބުނީ ހޯމް މިނިސްޓަރު އިމްރާން ޢަބްދުއްﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ޕީޕީއެމް އަދި ޕީއެންސީ އިން އިސްނަގައިގެން މަސައްކަތް ފަށާފައިވާކަމަށެވެ.

މީގެއިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއާއި ޙަވާލާދީ "މިހާރު" ގައި ބުނެފައިވަނީ 10 މެމްބަރުންގެ ސޮއި ހަމަވުމާއެކު އެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަންގެ އިތުރުން އެ މައްސަލައިގައި ސޮއިކުރާނެ އެހެން ޕާޓީތަކުގެ ބޭފުޅުން ވެސް އެބަތިބި ކަމަށެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން މަސައްކަތް ކުރަމުން އަންނައިރު ރޭގެ ވަގުތެއްގައި ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި މިނިސްޓަރު ދެއްކެވި ވާހަކައަކާއެކު ގިނަބައެއްގެ ފާޑުކިޔުން މިނިސްޓަރަށް ވަނީ އަމާޒުވެފަ އެވެ.

އެގޮތުން 2020 ޖޫން 25 ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ފތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާއި ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަމަށް އިމްރާންވަނީ ވިދާޅުވެފައެވެ. އިމްރާން ވިދާޅުވީ، އެ މައްސަލާގައި ޕްރޮސީޖަރަލް މައްސަލަތަކެއް އެބަހުރި ކަމަށާއި ނަމަވެސް ކަންހިނގައި ދިޔަ ގޮތަށް ބަލާއިރު އާންމުންގެ ތެރޭ ވާހަކަ ދެކެވުނީ ކަން ހިނގި ގޮތަށްވުރެ މާ ބޮޑުކޮށް ކަމަށެވެ.

އަދި އެއީ އެފަދަ މަގާމެއްގައި ހުންނެވި ބޭފުޅެއްގެ ފަރާތުން ދައްކައިގެންވާނެ ފަދަ ވާހަކައެއް ނޫން ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، އިމްރާންގެ އެވާހަކަފުޅު ކުށްވެރިކޮށް، ރިޒާ އެންޑް ކޯ އިން އެކަމާ ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ފޮނުވައިފާވާކަންވެސް ފާހަގަކޮށްލެވެއެވެ.

އިދިކޮޅުން ބުނީ، ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކު  ޖިންސީ ގޯނާ އަދި ރޭޕް ކުރަން އުޅުމުގެ މައްސަލައިގެ ތަޙްޤީޤް ކޮށްދިނުމަށްއެދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށައަޅާފައިވާ ދަނޑިވަޅެއްގައި، ސަފާރީގައި ހިނގާދިޔައީ ރޭޕެއް ނޫންކަމަށާއި އަންހެނެއްގެ ޖިންސީ ގުނަވަނެއްގައި ހިފުމަކީ "ކަމެއްކުރިކަންވެސް ނޭނގޭފަދަ ކަމެއް ކަމަށް" ވިދާޅުވެ އެއީ ވަރަށް އާދައިގެ ކަމެއްކަމަށް ދޭހަވާގޮތަށް 24 އޮކްޓޯބަރ 2020ވަނަ ދުވަހުގެރޭ ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން އަހާށޭ ބުނާނަން ޕްރޮގްރާމްގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވުމަކީ ހޯމް މިނިސްޓްރީއާ ޙަވާލުވެ ހުންނެވި ވަޒީރުގެ ޙައިސިއްޔަތުން އެމަނިކުފާނުގެ ޤާބިލްކަމާއި ޒިއްމާދާރުކަމާމެދު ސުވާލު އުފެދޭކަމަށާއި، އަދި މިކަމުގެ ސަބަބުން ތަޙްޤީޤު ކުރެވެމުންދާ މައްސަލައަކަށް މިނިސްޓަރު ނުފޫޒު ފޯރުވުން ކަމަށްވާތީއާއި، އަދި އެއްވެސް މައްސަލައެއްގެ ކުޑަ ބޮޑުމިން ކަނޑައެޅުމަކީ މިނިސްޓަރަށް ލިބިގެންވާ ބާރަކަށް ނުވާތީއާއި، މިވާހަކަތަކުގެ ސަބަބުން އަންހެނުންނަށް ކުރެވޭ މިފަދަ އަނިޔާތަކަށް އިންސާފު ލިބޭނެކަމުގެ އެއްވެސް އުއްމީދެއް ނެތްކަމަށެވެ.

އަދި ހަމަ މި ޕްރޮގްރާމްގައި ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމާ ގުޅޭގޮތުން އަނެއްކާވެސް ތަފާތު ގޮތަކަށް ވާހަކަދައްކަވާފައިވާތީއާއި، އެގޮތުން މޭޑޭ މުޒާހަރާގައި ރިޟްވާންއާއި އަފްރާޝީމްގެ މަރާގުޅޭގޮތުން ދެއްކި ޑޮކިއުމެންޓްތަކަކީ އަސްލެއް ނޫންކަމަށް ވިދާޅުވުމާއި އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މޭޑޭ މުޒާހަރާގައި ގެންގުޅުއްވި ހެކިތައް ނުވަތަ ޑޮކިއުމެންޓް ފުލުހުން އަތުލާފައިވާ ކަމަށް ވިދާޅުވެފައިވުމާއި، މިމައްސަލައާގުޅޭގޮތުން އެކިފޯރަމްތަކުގައި އެކި ގޮތަށް ވާހަކަ ދައްކަވަމުންދާތީއާއި، މިފަދަ ބޮޑެތި މައްސަލަތަކުގެ ހެއްކާއި ޤަރީނާ ލިބިފައިވާކަމަށްބުނެ ކަމާބެހޭ މުއައްސަސާތަކަށް އެމަޢުލޫމާތު ނުދެއްވާ ހުންނެވުމަކީ ކުށަކަށްވާތީއާއި، މިކަމުން މަރުތަކަށް އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް ހިޔަނި އެޅިފައިވާ މިންވަރު ހާމަވާތީއާއި، ހޯމްމިނިސްޓަރކަމުގެ މަޤާމުގައި ހުންނަވައިގެން މިފަދަ ދަށުދަރަޖައިގެ ކަންކަންކުރެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް ބުންޏެވެ.

މީގެއިތުރުން ދިވެހިރާއްޖޭގައި ޢަދުލު އިންސާފު ޤާއިމްކުރުމާއި ޤާނޫނު ނަގަހައްޓާ ތަންފީޒު ކުރުމުގެ ޒިއްމާ އުފުއްލަވާ ވަޒީރުގެ ޤާބިލްކަމާއި، ތެދުވެރިކަމާއި އިޚްލާސްތެރިކަމާމެދު ސުވާލު އުފެދޭތީއާއި މިކަންކަމުގެ ސަބަބުން ހަމަހަމަ ކަމާއެކު ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ޤާބޫލްކުރެވޭތީ އާއި ޤާނޫނު އަސާސީގެ 132 ވަނަ މާއްދާގެ ދަށުން ވަޒީރު ކަމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވޭތީއާއި އަދި އެމާއްދާގެ (ކ)ގައި ބަޔާން ކުރެވިފައިވާ ރައްޔިތުންގެ ސަލާމަތްތެރިކަން ދަމަހައްޓައި ރައްޔިތުންގެ ޢާންމު ފައިދާ ރައްކާތެރިކުރުމަށް މަސައްކަތް ނުކުރެވޭތީ، ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 101ވަނަ މާއްދާގެ ދަށުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާކަމަށްވެސް އިދިކޮޅު ކޯލިޝަނުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ