ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފިއެވެ.
ޕީއެންސީގެ ސްޕޯކްސް ޕާސަން ހިނާ ވަލީދު ވިދާޅުވެފައި ވަނީ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ޕީޕީއެމް ޕީއެންސީ އިން މިއަދު މަޖިލިސް އަށް ވައްދާފައިވާ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން މި މައްސަލަ މަޖިލިސް އަށް ވައްދާފައި ވަނީ 11 މެންބަރުންގެ ސޮޔާއެކުއެވެ.
މިކަމާއި ގުޅިގެން އިދިކޮޅު ޕީޕީއެމްގެ ނައިބު ލީޑަރު އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެފައިވަނީ އިމްރާން ވަނީ ޤާނޫނު އަސާސީގެ 98 ވަނަ މާއްދާއާއި 132 ވަނަ މާއްދާއާއި ޚިލާފުވެވަޑައިގެންފައި ކަމަށެވެ.
އެގޮތުން މިއަދު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވެފައި ވަނީ މިނިސްޓަރ އިމްރާން މަޖިލީހަށް ވަޑައިގެން ދުވަހު ޑރ. އަފްރާޝިމް ޢަލީއާއި ރިޟްވާންގެ މަރުގެ މައްސަލައާއި ގުޅޭ ސުވާލަކަށް ޖަވާބުދެއްވަމުން އިތުރުފުޅު ހެއްދެވިކަމަށް އަމިއްލަ ފުޅަށް އިޢުތިރާފްވެވަޑައިގެންފައި ވާކަމަށެވެ.
ޝިޔާމް ވިދާޅުވީ މަޖިލީހަށް ހާޒިރުވި ދުވަހުގެ އެއްރޭ ފަހުން ޓީވީއަށް ދެއްވި އިންޓަވިއުއެއް ނުވަތަ ޕްރޮގްރާމެއްގައި އިމްރާން ވަނީ މަޖިލީހުގައި ޖަވާބުދެއްވަމުން އިތުރުފުޅު ހައްދަވާފާއިކަމަށް ސީދާ އިޢުތިފާރްވެވަޑައިގެންފައިކަމަށެވެ.
"މަޖިލީހަށް ވަޒީރުން ވަޑައިގެން ތެދުބަހުން ވާހަކަފުޅު ދެއްކެވުމަށް ޤާނޫނު އަސާސީގައި އެބަ އޮވޭ" ޝިޔާމް ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ސަފާރީގައި ހިންގާ ދިޔަ ޖިންސީ ގޯނާއާއި ގުޅިގެން އެއީ ނުހިނގާ ކަމެއްކަމަށް ދޭހަވާ ގޮތަކަށް އިމްރާން އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވާފައިވާކަމަށްވެސް ޝިޔާމް ވަނީ ވިދާޅުވެފައެވެ.
މިކަންކަމާއި ގުޅިގެން ޝިޔާމް ވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަނުން ޤަބޫލު ކުރައްވާ ގޮތުގައި އިމްރާން ޢަބްދުﷲ ހޯމް މިނިސްޓަރު ކަމަށް ކުފޫ ހަމަ ނުވާކަމަށާއި އެހެން ކަމުން މިއަދު އެބޭފުޅުން ވާނީ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިޅީހަށް ހުށައަޅާފައި ކަމަށެވެ.




