ތިން ރަށެއްގައި ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފިއެވެ.
މި އޮޕަރޭޝަންތައް ހިންގާފައި ވަނީ އދ. ދަނގެއްޗާއި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހުޅުމީދޫގައެވެ.
ފުލުހުން ވިދާޅުވީ އދ. ދަނގެތީގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި މަސައްކަތްކުރާ ފުލުހުންނާ ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އޮކްޓޫބަރު 25 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްކަމަށެވެ. މި އޮޕަރޭޝަނުގައި އެރަށު ފަޅުގައި އޮތް ޑިންގީއެއް ބަލައިފާސްކޮށްފައިވާއިރު، އެޑިންގީ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 49 ރަބަރު ޕެކެޓް ފެނިފައިވާކަމުގައި ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުވައްމުލަކުގައި އޮކްޓޫބަރު 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެރަށުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ފުވައްމުލައް ދޫޑިގަން އަވަށު ގެއެއް ބަލައިފާސްކުރިއިރު، އެގޭ ގޯތިތެރޭގައި ހުރި ކެޔޮފީންޏެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ރަބަރު ޕެކެޓާއި 60 ކުދި ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އދ. ދަނގެތީ އަދި ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މީގެ އިތުރުން މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމީދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އޮކްޓޫބަރު 26 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައިވަނީ މީދޫގެ ގެއެއް ބަލައިފާސްކޮށްފައެވެ.
ފުލުހުން ވިދާޅުވީ އެގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 11 ސެލޯފިންކޮޅާއި 23 ރަބަރު ޕެކެޓް ފެނިފައިވާކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން 23 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މަސްތުވާތަކެތީގެ މިމައްސަލަތައް އދ. ދަނގެތި، ފުވައްމުލައް އަދި ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.



