ރ. އުނގޫފާރުން ނެގުނު ރެންޑަމް ސާމްޕަލްއެއް ކޮވިޑު-19 އަށް މިއަދު ޕޮޒިޓިވުވުމާއި ގުޅިގެން އެރަށުގައި މީހުން ބޭރަށް ނިކުންނައިރު މާސްކް އަޅަން ޖެހޭނެ ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
އެޗްއީއޯސީގެ ފަރާތުން ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ފަރާތުން އަބްދުﷲ މައުރޫފް ވިދާޅުވީ މިވަގުތުން ފެށިގެން އުނގޫފާރުގެ މަގުތަކަށް ނިކުމެ ހަދާނަމަ މާސްކް ބޭނުންކުރަން ޖެހޭނެ ކަމަށާއި އެގޮތުން މާސްކް ބޭނުންކުރާއިރު އެ މާސްކަކީ އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް ހުރި މާސްކަކަށްވާން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން މައުރީފް ވަނީ އެރަށުގެ ރައްޔިތުން ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން ނޫން ގޮތަކަށް ބޭރަށް ނުދިއުމަށް ވެސް އިލްތިމާސްކުރައްވާފައެވެ.
އުނގޫފާރުން ރެންޑަމް ސާމްޕަލް ނަގާފައި މިވަނީ އެރަށާއި ގާތުގައި އޮންނަ ރ ކުޑަކުރަތުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑު-19އަށް ޕޮޒިޓިވް ވެފައި ވަނިކޮށެވެ. ކުޑަކުރަތަކީ ހަދަމުންދާ ރިސޯޓެކެވެ. މިރަށުން ޖުމްލަ 52 މީހަކު މިހާތަނަށްވަނީ ކޮވިޑު-19 އަށް ޕޮޒިޓިވުވެފައެވެ.
އުނގޫފާރުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ އެރަށުގެ ސައިހޮޓަލެއްގައި ކޭޝިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ ދިވެހި ފިރިހެނެކެވެ. އޭނާ ގެ ކޮންޓެކްޓް ޓްރޭސިންގ މިހާރު ހަދަމުންދާއިރު އެރަށްވަނީ މޮނިޓަރިންނަށް ލައިފައެވެ.