ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމެބަރު އަހްމަދު ޝިޔާމްގެ ހިތް މުޅިން ރަނގަޅުތޯ ކަށަވަރުކުރަންޖެހޭކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝިދު މިހެން ވިދާޅުވެފައިމިވަނީ ޝިޔާމްގެ ހާލުކޮޅު ގޯސްވެގެން ސިއްހީ ފަރުވާ ދިނުމަށް އެޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކުރުމާއި ގުޅިގެންނެވެ.
ރައްޔިތުންގެ މަޖިލީޙުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝިދު ވިދާޅުވެފައިވަނީ ޝިޔާމް ވީހާވެސް އަވަހަކަށް ހެޔޮހާލުގައި ހޮސްޕިޓަލުން ނިކުންނަވާ އަނެއްކާވެސް ބައްދަލުކުރާނެކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.
"އަޅުގަނޑު ހޮސްޕިޓަލުގައި އެދިއްޖެއިން އަދި އެއް އީސީޖީ ނަންގަވައިދެއްވުމަށް. ދެ އިސީޖީ ނަގައިގެން މިކަން ކަށަވަރުކުރުން އެއީ އަޅުގަނޑު ހިތުން ނައިފަރުގެ އިއްޒަތްތެރި މެންބަރުގެ ހިތް މުޅިން ރަނގަޅުތޯ އަޅުގަނޑުމެން އެބަޖެހޭ ކަށަވަރުކުރަން. އިރާދަކުރެއްވިއްޔާ އެ މެންބަރުގެ ހިތް ހަމަ ވަރަށް ރަނގަޅަށްހުރީ. ހަމަ ގައިމުވެސް މިއަދު ހެނދުނު އަޅުގަނޑާ ބައްދަލުވިއިރުގައި ހިތް ހެޔޮ. ދެން ފަހުން ހިތް ހަލާކުވިކަމެއް، އެފަދަ ކަމެއް މެދުވެރިވުން އެއީ ވެދާނެކަމެއް މިބާވަތުގެ މަޖިލީހެއްގައި" ރައީސް ނަޝީދު ވިދާޅުވިއެވެ.
އަހްމަދު ޝިޔާމް ސިއްހީ ފަރުވާ ދިނުމަށް އެޑީކޭ ހޮސްޕިޓަލަށް ގެންދެވިފައިވާއިރު، މިހާރު ދަނީ ޓެސްޓްތައް ހަދަމުން ކަމަށް ޕީޕީއެމް އިން ވަނީ ވިދާޅުވިއެވެ. މައުލުމާތު ލިބޭ ގޮތުގައި ޝިޔާމްގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ.
މެންބަރު ޝިޔާމްގެ ސިއްހީ ހާލުކޮޅު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލްއަށް ގެންދެވުނުއިރު، މިދިޔަ ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި ޝިޔާމްގެ މައިބަދައަށް އަނިޔާވެގެން ވަނީ އޭޑީކޭއިން ފަރުވާ ހޯއްދަވާފައެވެ.



