ކ. މާފުށީގައި ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މާފުށީގައި ފަތުރުވެރިޔަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެރަށު ކައުންސިލްގެ ރައީސް އުސްމަން ރަޝީދު ވަނީ މި ނޫހަށް ކަށަވަރު ކޮށްދީފައެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ރަށުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވަނީ އިޖިޕްޓްގެ އަންހެން ފަތުރުވެރިޔެކެވެ. އޭނާ ޕޮޒިޓިވް ވެފައިވާކަން އިނގިފައިވަނީ އެ ރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރުމުގެ ދެ ދުވަސް ކުރިން ހަދަންޖެހޭ ޓެސްޓް ހެދުމުން ކަމަށެވެ.
އެގޮތުން އެ ފަތުރުވެރިޔާގެ ސާމްޕަލްގެ ނަތީޖާ ލިބިފައިވަނީ މިއަދު ކަމަށާއި ނަތީޖާ ލިބުނު އިރު އެ ފަތުރުވެރިޔާ ކޮވިޑް އަށް ޕޮޒިޓިވް ކަމަށް އުސްމާން ވަނީ ވިދާޅުވެފައެވެ.
އުސްމާން ވިދާޅުވިގޮތުގައި ފަތުރުވެރިޔާ ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ އެރަށުގައި ކުރިޔަށް ގެންގޮސްފައިކަމަށާއި އައިސޮލޭޓް ވާންޖެހޭ ފަރާތްތައް ހޯމް އައިސޮލޭޝަންއަށް ލާފައި ކަމަށެވެ.
މާފުށިން ފަތުރުވެރިޔަކު ކޮވިޑް އަށް ޕޮޒިޓިވް ވެފައިވާއިރު ގެސްތްހައުސްތައް ހުޅުވާ ލުމާއެކު އެރަށަށް ވަނީ ގިނަ އަދަދެއްގެ ފަތުރުވެރިން ގޮސްފައެވެ. އެގޮތުން މިހާރުވެސް100 އަށް ވުރެ ގިނަ ފަތުރުވެރިން މާފުށީގައި ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ.



