ރާއްޖެ އިން ހަތަރު ދާއިރާއަކުން އެމެރިކާ އާއެކު ގުޅުން ބަދަހިކުރަނީ!

ދިވެހި ރާއްޖެއާއި އެމެރިކާއާއި ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ މިއަދު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރައްވާފައިވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ.

މި ގޮތުން ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުމާއި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅުން ބަދަހިކުރުން އިތުރުކުރުމާއި ވިޔަފާރީގެ ގުޅުންތަކާއި އިންވެސްޓްމެންޓުތައް އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމާއި، ސައިބަރ ސެކިއުރިޓީ ވަރުގަދަކޮށް ނިރުބަވެރިކަމާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ހަރުދަނާކުރުމާއި އިންޑިއާއާއި ޕެސިފިކް ކަނޑުގެ ސަރަޙައްދުގެ މިނިވަންކަން ދަމަހައްޓައި، އެ ސަރަޙައްދުގެ ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. އެމެރިކާގެ ސްޓޭޓް އޮފް ސެކްރެޓަރީގެ މި ދަތުރުފުޅުގައިވަނީ ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ޤާއިމުކުރުމަށްވެސް ނިންމަވާފައެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ފޮރުކޮށްދެމުންދާ އެހީތެރިކަން ވަނީ އިތުރުކޮށްފައެވެ. މި ގޮތުން، ކޯވިޑް-19 ގެ ހާލަތާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ މާލީ އެހީތެރިކަމާއި ޞިއްޙީ ދާއިރާއާ ގުޅުންހުރި ސާމާނުގެ އެހީތެރިކަން ފާހަގަކޮށްލެވެއެވެ. މި ގޮތުން، ކޯވިޑް-19 އާ ގުޅިގެން ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް މެދުވެރިކޮށް އެމެރިކާއިން ރާއްޖެއަށް ފޯރުކޮށްދޭ ދެ މިލިއަން އެމެރިކާ ޑޮލަރުގެ އެހީއާއި، 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހު ދެ ޤައުމުގެ ދެމެދު ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެސިސްޓެންޓް އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ 35 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފާހަގަކޮށްލެވެއެވެ.

ސެކްރެޓަރީ ޕޮމްޕެއޯއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެމެރިކާއިން ރާއްޖެއާ ދެމެދު ބާއްވާ ގާތްކަން ފާހަގަކުރައްވާ، އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި، ކުރިއަށް އޮތް ތަނުގައި، މި ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ