ޗާލީ ހެބްޑޯ ނޫހާއި ދެކޮޅަށް ދައުވާކުރަން ތުރުކީއިން ނިންމައިފި

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ކާޓޫނު ކުރުހި ފުރާންސުގެ ޗާލީ ހެބްޑޯ ނޫހުން ތުރުކީގެ ރައީސް ތައްޔިބް އުރުދުއާންގެ ކާޓޫން ކުރެހި މައްސަލައިގައި އެނޫހާއި ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ތުރުކީއިން ބުނެފިއެވެ.

ޗާލީ ހެބްޑޯ ނޫހުން ތައްޔިބް އުރުދުއާންގެ ކާޓޫން ކުރުހައިފައިވަނީ އެނޫހުން ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ކާޓޫން ކުރުހައި އެ ކާޓޫންތައް ކުރެހުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށް ބުނެ ފުރާންސު ސަރުކާރުން ހިނގަމުން އައްނަ މުސްލިމުން ރުޅިއެރުވުމުގެ ޕުރޮޕެގެންޑާއާއި ދެކޮޅަށް އުރުދުއާން ވާހަކަފުޅު ދައްކަވައިފައި ވަނިކޮށެވެ.

އުރުދުއާންވަނީ ފުރާންސް ސަރުކާރަށާއި އަދި ފުރާންސުގެ ރައީސް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިގޮތުން ފުރާންސުގެ ރައީސް ހުއްނެވީ ސިކުނޑިއަށް ބޭސްކުރައްވަން ވެފައިކަމަށް ވިދާޅުވެފައި ވެއެވެ. މީގެއިތުރުން އުރުދުއާންވަނީ ފުރާންސުގެ އުފެއްދުންތައް ބޭނުން ނުކޮށް އެ މުދާތައް ބޮއިކޮޓުކުރުމަށްވެސް ތުރުކީގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގަތްފައެވެ.

މެކްރޮންއަށް ދެއްވި ބަހުގެ މިހަމަލާތަކާ ގުޅިގެން ފުރާންސުން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަނބުރާ ފުރާންސަށް ގެންނަންވެސް ފުރާންސުންވަނީ ނިންމައިފައެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން ތުރުކީގެ ރައީސް ދެއްކެވި ވާހަކަފުޅުތައް ހަޖަމުނުވެ އެންމެފަހުން ޗާލީ ހެބްޑޯ ނޫހުން މިއަދުވަނީ އުރުދުއާން އަންހެނެއްގެ ހެދުން ހިއްލާ މަންޒަރު ދައްކުވައިދޭ ކާޓޫނެއް ކުރުހައި އާންމުކޮށްފައެވެ.

ތުރުކީގެ ރަސްމީ މީޑިއާއިން މިމައްސަލައިގައި ބުނެފައިވަނީ އެގައުމުގެ ޕްރޮސިކިއުޓަރުން މިހާރު މިމައްސަލަ ތަހުގީގު ކޮށް ކާޓޫން ކުރެހި ނޫހާއި ދެކޮޅަށް ދައުވާކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

ފުރާންސުގައި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ކާޓޫނު ކުރަހައި މުސްލިމުން ރުޅިއެރުވުމަށް ހިނގަމުން އައްނަ ކަންތައްތަކާއި ގުޅިގެން ގިނަ އަދަދެއްގެ މުސްލިމުން އައްނަނީ ފުރާންސުގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ގޮވާލަމުންނެވެ. އަދި މިކަމުގެ އަސަރު ފުރާންސުގެ އިގުތިސާދަށް މިހާރުވަނީ ކުރަން ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ