ރާއްޖޭގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެމްއެމްއޭ އިން ޓިއޭޓޯއެވްރީގެ ސަބްސިޑަރީއެއްކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސް.އައި.އޭ އާއިއެކު ރާއްޖޭގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަަމް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އިންސްޓަންޓް ޕޭމަންޓް ސިސްޓަމަކީ ދިވެހިރާއްޖޭގައި ކުރެވޭ މާލީ މުޢާމަލާތްތަކުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އެމްއެމްއޭއިން ފަށާފައިވާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެންމެ މުހިންމު އެއް އަސާސުކަމަށް އެމްއެމްއޭ އިން ވިދާޅުވެއެވެ.

އެގްރީމަންޓްގައި ސޮއިކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްއެެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ މާލީ ނިޒާމު، ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކާއި އެއްހަމައެއްގައި ގާއިމުކުރުމުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެއްކަމަށާއި، އަދި މި މަޝްރޫއު ހިންގުމަށް ޓިއޭޓޯއެވްރީ ފަދަ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކާއި ބައިވެރިވުމަކީ ލިބޭނެ ކުރިއެރުމެއްކަމުގައެވެ. އަދި އެ ކުންފުންޏާއެކު ކުރެވޭ މަސައްކަތްތަކުގެ އެހީގައި، ދިވެހިންނަށް ޕޭމަންޓް ދާއިރާގައި މިހާރު ދިމާވާ ތަފާތު އެކި ގޮންޖެހުންތަކަަށް އެދެވޭ ހައްލެއް އަވަސް މުސްތަގްބަލެއްގައި ލިބިގެންދާނެކަމަށް ގަބޫލުކުރައްވާ ކަމުގައި ގަވަރުނަރު ވިދާޅުވިއެވެ.

އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޓިއޭޓޯއެވްރީއިން ފާހަގަކުރާ ގޮތުގައި މި ސިސްޓަމަކީ، ސިސްޓަމް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ޕޭމަންޓް ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި އެއްހަމައެއްގައި ބަދަލުކޮށް، އިތުރަށް ފުޅާކުރުމުގެ ގާބިލުކަން ލިބިފައިވާ ގޮތަށް ފަރުމާކުރެވިފައިވާ ސިސްޓަމެކެވެ.

އެމްއެމްއޭ ވިދާޅުވީ، ރާއްޖެެއަކީ ގުދުރަތީގޮތުން ވަކިވަކި ރަށްތަކަކަށް ބެހިފައިވާ ގައުމެއްކަމުގައި ވީނަމަވެސް، މި ސިސްޓަމް ގާއިމްކުރެވިގެންދިޔުމާއިއެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް ފަސޭހަކާމާއިއެކު، ވަގުތުން ވަގުތަށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ މަގު ފަހި ވެގެންދާނެކަމަށެވެ. އަދި ޒަމާނީ، އީޖާދީ މާލީ ހިދުމަތްތައްދޭ ފަރާތްތަކަށް މި ސިސްޓަމްގެ ސަބަބުން ރައްޔިތުންނާއި ހަަމަޔަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.

"މިއީ ގައުމީ ފެންވަރުގައި ހިންގޭ ބޮޑު މަޝްރޫއަކަށް ވާއިރު، މީގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ މުޢާމަލާތްތަކުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އިތުރު ފުރުސަތުތަކެއް މި ދާއިރާއިން ހުޅުވިގެންދާނެއެވެ. މިގޮތުން މިއަދު ސޮއިކުރެވިގެން މިދިޔަ އެއްބަސްވުމަކީ ދުނިޔޭގައި ފައިނޭންޝަލް ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުންތަކާއި އެއްހަމައެއްގައި ދިވެހިރާއްޖޭގެ މާލީ ނިޒާމު ތަރައްގީކޮށް، އޭގެ ސަބަބުން ދިވެހިންނަށް އިތުރު ލުއިފަސޭހަ ތަކެއް ލިބުމުގެ މަގު ފަހިކޮށްދޭނެ އެެއްބަސްވުމެކެވެ." އެމްއެމްއޭގެ ޕުރެސް ރިލީސްގައި ބުނެފައި ވެއެވެ.

މި ސިސްޓަމް ގާއިމު ކުރުމުގެ މަސައްކަތް ހަވާލުކުރި ފަރާތް ކަމުގައިވާ ޓިއޭޓޯއެވްރީ އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިފަދަ ސިސްޓަމްތަކުގެ ހިދުމަތް ފުޅާދާއިރާއެއްގައި މިހާރުވެސް ދެމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ. އެގޮތުން ސްވިޑަންގައި 'ސްވިޝް'ގެ ނަމުގައި މޮބައިލް ޕޭމަންޓް ސޮލިއުޝަނެއް ގާއިމުކުރުމާއިއެކު، ފިންލެންޑްގައި ފުރަތަމަ ގާއިމުކުރެވުނު ރިއަލް ޓައިމް މޮބައިލް ޕޭމަންޓް ޕްލެޓްފޯމްވެސް ފޯރުކޮށްދީފައިވަނީ ޓިއޭޓޯއެވްރީއިންނެވެ. މީގެ އިތުރުން، ޓިއޭޓޯއެވްރީއިން ވަނީ ކެންޔާގައިވެސް ޕެސާލިންކްގެ ނަމުގައި ރިއަލްޓައިމް މަނީ ޓްރާންސްފަރ ސޮލިއުޝަނެއް ޤާއިމުކޮށްދީފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ