އުނގޫފާރުގައި ޕޮސިޓިވްވި މީހާގެ ސާމްޕަލް އިތުރަށް ޓެސްޓް ކުރުމަށްފަހު ނެގެޓިވްވެފައިވާކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.
ރ. އުނގޫފާރުން، މި މަހުގެ 26 ވަނަ ދުވަހު ނެގުނު ރެންޑަމް ސާމްޕަލްއެއް ކޮވިޑު-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. އަދި މި ކޭސްއާއި ގުޅިގެން ރަށް މޮނީޓަރިންއަށް ލާފައިވާއިރު، އެރަށުގައި މީހުން ބޭރަށް ނިކުންނައިރު މާސްކް އަޅަން ޖެހޭނެ ކަމަށް އެޗްއީއޯސީއިން ވަނީ ބުނެފައެވެ.
އެޗްއީއޯސީ އިން މިއަދު ވިދާޅުވީ، އުނގޫފާރުން ޕޮޒިޓިވްވި މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވްވެފައިވާކަމަށާއި، ނަމަވެސް ހަދާ ރިސޯރޓެއް ކަމަށްވާ ކުޑަކުރަތުން އުނގޫފާރަށް މީހުން އައިސްފައިވާތީ، އުނގޫފާރުން އެކްޓިވް ސާމްޕަލް ނެގުމުގެ މަސައްކަތް ދަނީ ކުރިއަށްކަމަށެވެ.
އަދި ރައްކާތެރިވުމުގެ ގޮތުން އެކްޓިވް ސަރވެއިލެންސް ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން އުނގޫފާރު އޮންނާނީ މޮނިޓަރިންގް ހާލަތުގައިކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.
މިފަދަ ހާލަތެއްގައި އުނގޫފާރު އަދި މިސަރަހައްދުގެ ރަށްރަށުގެ ރައްޔިތުން އެޗްއީއޯސީއަށް ދެއްވަމުންގެންދަވާ އެއްބާރުލުމަށް އެ އިދާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
އުނގޫފާރަކީ ރ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށްކަމުން އެރަށަކީ ޑޮކްޓަރަށް ދެއްކުމަށް އެކި ރަށްރަށުން ގިނަ އަދަދެއްގެ މީހުން އާންމުކޮށް ދާ ރަށެއްކަންވެސް ފާހަގަކޮށްލެވެއެވެ.