ޕޮޓޯ: މަޖިލިސް ގެލެރީ

ކުޅިވަރު މުއަސަސާތައް ދެފުށް ފެންނަ ގޮތަކަށް ހިންގުމަކީ އެމްޑީޕީގެ ވިސްނުން: ނަޝީދު

ކުޅިވަރު މުއަސަސާތައް ދެފުށް ފެންނަ ގޮތަކަށް ހިންގުމަކީ އެމްޑީޕީގެ ވިސްނުން ކަމުގައި ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ، ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވުމާއި ގުޅިގެންނެވެ.

ރައީސް ނަޝިދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުޅިވަރު މުއަސަސާތައް ޑިމޮކްރަޓައިޒްކޮށް، ދެފުށް ފެންނަ ގޮތަކަށް ހިންގުވުމަކީ އެމްޑީޕީގެ ވިސްނުން ކަމަށާއި ކުޅިވަރާއި ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް އޮތުން ބޭނުންތެރި ކަމަށެވެ. އަދި ހަސަން ލަތީފު ހުށައަޅުއްވާފައިވާ ކުޅިވަރުގެ ޤާނޫނަށް އިސްލާހު ހުށައެޅުމުގެ ބިލުން މިކަންކަން ހާސިލުވާނެ ކަމަށް ވިދާޅުވިއެވެ.

ކުޅިވަރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ސަބަބުތަކަކީ، ދިވެހިރާއްޖޭގެ ކުޅިވަރާބެހޭ އެކިއެކި މުއައްސަސާތަކުގައި ހުރި ފުށު އެރުންތައް ނައްތާލުމާއި، އެ މުއްސަސާތައް ޑިމޮކްރަޓައިޒްކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ޤާއިމްކުރުންކަމަށް ހަސަން ލަތީފު ބިލް ހުށައަޅުއްވަމުން ފާހަގަކުރައްވާފައިވެއެވެ.

މެންބަރު ހަސަން ލަތީފު ފާހަކުރައްވާފައިވާ އިތުރު ސަބަބުތަކަކީ، ކުޅިވަރުގެ ވަޞީލަތްތައް ބިނާކޮށް ތަރައްޤީކުރާއިރު އެ ވަޞީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުމާއި، އެފަދަ ވަޞީލަތްތައް ޤާއިމްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަކުޑަވާނެ އުޞޫލެއް ޤާއިމްކުރުންކަމަށެވެ.

މީގެ އިތުރުން،ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިޚާބުތަކަކީ ދެފުށްފެންނަ، އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިޚާބުތަކެއްކަމުގައި ހެދުމާއި، ކުޅިވަރާބެހޭ މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުން ކަމުގައި ހަސަން ލަތީފް ފާހަގަކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ