ހަލުވިކަމާއެކު މުޅިދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް ސްރީލަންކާގެ ވެރިރަށް ކޮލަންބޯއިން އިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާތީ ކޮލަމްބޯ ލޮކްޑައުން ކޮށްފިއެވެ.
ކޮލަމްބޯއިން މިހާތަނަށް 9200 އަށްވުރެ ގިނަ މީހުން ކޮވްޑް-19 އަށް ޕޮސިޓިވްވެފައި ވާއިރު އޭގެތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން ޕޮސިޓިވްވެފައިވަނީ ވޭތުވެދިޔަ 3 ހަފްތާގެ ތެރޭގައެވެ. އަދި މީގެތެރެއިން 1،000 އަށްވުރެ ގިނަ މީހުންނަކީ ހެދުން ފަދަ ތަކެތި އުފައްދާ ފެކްޓަރީތަކުގައި މަސައްކަތްކުރާ މީހުންނެވެ.
ލޮކްޑައުންކުރުމާއިގުޅިގެން ދެން ކޮލަމްބޯގައިދިރިއުޅޭ މީހުންނަށް ބޭރަށް ނިކުމެވޭނީ ސިއްޙީފަރުވާއަށް ނުވަތަ އަސާސީ ބޭނުމަށްއެކަންޏެވެ. އަސާސީ ބޭނުންތަކުގެ ތެރޭގައި ކާބޯތަކެތި ގަތުމާއި ބޭސްފަރުވާ ހިމެނެއެވެ.
އަދި ލޮކްޑައުން ކޮށްފައިވަނީ 3 ދުވަހަށް ކަމުގައިވީނަމަވެސް ހާލަތަށް ބަލާފައި މުއްދަތު އިތުރުކުރަން ޖެހިދާނެކަމަށް ހެލްތް އޮފިޝަލުންވަނީ ވިދާޅުވެފައެވެ.
ކާރފިއު ހިންގަނީ ދަންވަރު ކަމުގައި ވީނަމަވެސް އަސާސީ ބޭނުންތަކަށްފިޔަވައި ކޮލަމްބޯގެ ޕްރޮވިންސް ތަކުގެ ބޯޑަރު ހުރަސް ނުކުރުމަށް ފުލުހުންގެ ތަރުޖަމާން އަޖިތު ރޯހަނާ ވަނީ ވިދާޅުވެފައެވެ.
3 މަސްދުވަހުގެ ލޮކްޑައުންއަކަށްފަހު ޖުލައިމަހު ސްރީލަންކާގައި ލޮކްޑައުން އުވާލާފައިވަނީ ކޮވިޑް 19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އެ ގައުމުގައި ނެތްކަމަށްބުނެއެވެ.
ސްރީލަންކާގައި މިހާތަނަށް 9701 މީހުންނަށް މި ވައިރަސް ޖެހިފައިވާއިރު އޭގެތެރއިން 19 މީހަކުވަނީ މަރުވެފައެވެ. އަދި މި ވައިރަހުން 4،142 މީހުންވަނީ ރަނގަޅުވެފައެވެ.