ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި ގިނަ އިމާރާތްތަކެއް ފުނޑުފުނޑުވެއްޖެއެވެ.
މީޑިއާ ރިޕޯޓްތަކުގައި ވާގޮތުން 7.0 ގެ ބާރުމިނުގައި އައި މި ބިންހެލުމުގެ އަސަރު ތުރުކީގެ ބައެއް ސިޓިތަކުގެ އިތުރުން ގްރީސްއަށްވެސް ވަނީކޮށްފައެވެ. އަދި މި ބިނެހެލުމުގެ ސަބަބުން ގާތްގަނޑަކަށް 20 ވަރަކަށް އިމާރާތް ހަލާކުވެފައި ވާނެކަމަށް ތުރުކީ ސިޓީގެ މޭޔަރ ވަނީ ވިދާޅުވެފައެވެ.
އިޒްމީރްގެ ސަރަހައްދެއް ކަމުގައިވާ ބޯނޯވާ އާއި ބްޔަރްކްލީ ގެ އިމާރާތްތަކަށްވެސް ގެއްލުން ލިބިފައިވާކަމަށް ތުރުކީގެ އިންޓިރިއާރ މިނިސްޓަރ ސުލޭމާން ޓްވިޓަރ ގައި ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ސުލޭމަން ވިދާޅުވީ ބިންހެލުމުގައި ގެއްލުންވި ސަރަހައްދުގައި ޓީމެއް މަސައްކަތް ކުރަމުންދާކަމަށާއި، މިހާތަނަށް އެއްވެސް މީހަކު މަރުވިކަމުގެ ހަބަރުލިބިފައި ނުވާކަމަށެވެ.

މި ބިންހެލުން އައިސްފައި ވަނީ އައިޖިއަން ކަނޑަށެވެ. މި ބިންހެލުމުގެ އަސަރު 14 ކިލޯމީޓަރު ދުރަށްވެސް ކޮށްފަިއވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ސަލާމަތްހޯދުމަށްތަކައި ތުރުކީގެ ޕްންރޮވިންސްއެއް ކަމަށްވާ އިޒްމީރް ގެ ގިނައަދަދެއްގެ ރައްޔިތުން އިމާރާތްތަކުން މަގުމައްޗަށް ނިކުމެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ތުރުކީގެ ރައީސް ރިކެޕް ތައްޔިޕް ވިދާޅުވެފައިވަނީ ބިންހެލުމުގައި އަސަރުކުރި ފަރާތްތަކާއެކު ވާކަމަށާއި، ބިންހެލުމުގެ ސަބަބުން އަޅަންޖެހޭ ފިޔަވަޅުތައް މިނިސްޓްރީތަކާއި ގުޅިގެން އަޅަމުންދާކަމަށެވެ.




