ބިންހެލުމާއި ގުޅިގެން ތުރުކީ ވިލާތަށާއި، ގްރީސްއަށް މިނިސްޓަރ ޝާހިދު ހަމްދަރުދީގެ މެސެޖު ފޮނުއްވައިފި

އެއިޖިއަން ސީ އަށް އައި ބާރުގަދަ ބިންހެލުމާއި، އަދި ބިންހެލުމާއި ގުޅިގެން އުފެދުނު ސުނާމީގައި ގިނަ ބަޔަކު މަރުވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން ތުރުކީ ވިލާތަށާއި، ގްރީސްއަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ދެޤައުމުގެ ޚާރިޖީ ވަޒީރުންނަށް ރޭ ވަކިވަކިން ފޮނުއްވި މެސެޖްގައި މިނިސްޓަރ ޝާހިދު ވަނީ މިކާރިސާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ރައްދުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި މިހިތާމަވެރި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވެ، ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ގްރީސް އަދި ތުރުކީވިލާތުގެ ސަރުކާރާއި ރައްޔިތުންނާއެކުގައި ކަމަށް ވިދާޅުވިއެވެ. އަދި މީހުން ސަލަމާތްކުރުމުގެ މަސައްކަތް ވީހާވެސް އޮމާންކޮށް، އަވަސް މިނެއްގައި ކުރިއަށްދާނެކަމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ތުރުކީ ހުޅަނގު އައްސޭރީގައިވާ އެޖިއަން ކަނޑަށް ރެކްޓާ މިންގަނޑުން 6.6 ގެ ބާރުމިނުގައި މި ބިންހެލުން އައިސްފައި ވަނީ އިއްޔެ ހަވީރު އެވެ. މި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 24 އަށް ވަނީ އަރާފައެވެ.

ތުރިކީގެ އިމާޖެންސީއާއި ޑިޒާސްޓާރ އާ ބެހޭ އިދާރާއިން ބުނެފައިވަނީ މި ބިންހެލުމުގައި ގެއްލުން ލިބިފައިވަނީ އޭޖިޔަން ކަނޑުގެ އައްސޭރީގައިވާ އިޒްމީރު ސިޓީއަށް ކަމަށާއި އެ ސިޓީގެ 20 އިމާރާތެއް ބިމާ ހަމަވެ އެތައް ސަތޭކަ އިމާރާތެއްގައި ރެނދުއަޅާފައިވާ ކަމަށެވެ. އަދި އެ އިމާރާތްތަކުގެ ދަށުން 100 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ