ރ. އުނގޫފާރުގެ މޮނިޓަރިންގެ ހާލަތު އުވާލައިފިއެވެ.
އުނގޫފާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ހޯމަދުވަހު ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ޕޮސިޓިވުވުމާއި ގުޅިގެންނެވެ.
މޮނިޓަރިންގެ ހާލަތު އުވާލައިފައިވާކަން ހާމަކުރައްވަމުން ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ އެރަށް މޮނިޓަރިންގެ ހާލަތުން އުވާލައިފައިވަނީ ރޭންޑަމް ސާމްޕަލްއިން ޕޮޒިޓިވުވި މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވުވުމާއި ގުޅިގެން ކަމަށެވެ.
ޑރ. ނަޒްލާ އިތުރަށް ވިދާޅުވީ، ހަދާ ރިސޯޓެއް ކަމަށްވާ ކުޑަކުރަތުން އުނގޫފާރަށް މީހުން އައިސްފައިވާތީ، އުނގޫފާރުން އެކްޓިވް ސަރވެއިލެންސް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެކްޓިވް ސަރވެއިލެންސް ސާމްޕަލްތަކުގެ ނަތީޖާވެސް ނެގެޓިވު ކަމަށެވެ.
ފަސްދުވަހަށްފަހު އުނގޫފާރު މޮނިޓަރިންގެ ހާލަތުން ނަގައިފައިވާއިރު ގިނަ މީހުން އެކިކަންކަމުގައި ގޮސްއުޅޭ މިފަދަ ރައްތަކަށް ދިއުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.