ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމެބަރު އަހްމަދު ޝިޔާމްގެ ސިއްހީ ހާލުދެރަވާން ދިމާވި ސަބަބު އަދި ނޭނގޭ ކަމަށް ވިދާޅުވެއްޖެއެވެ.
އަހްމަދު ޝިޔާމަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލާފައިވަނީ އިއްޔެއެވެ.
ޝިޔާމް ވިދާޅޫވީ، އޮކްޓޫބަރ 27 ވަނަ ދުވަހުގެ ހެނދުނު ރައްޔިތުންގެ މަޖިލީހުގެ މަޖިލިސްކުރާ މާލަމަށް ވަދެ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ދިމާވި ކުއްލި ޞިއްޙީ ޙާލަތާއި ގުޅިގެން އިމަރޖެންސީގައި އޭޑީކޭ ހޮސްޕިޓަލަށް ގެންދެވި ފަރުވާދިނުމަށްފަހު ހަމައެރޭ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވި 3 ދުވަސްވަންދެން އެނދުމަތިކޮށްގެން އިތުރު ފަރުވާ ދިނުމަށްފަހު اﷲ ގެ ހެޔޮރަޙްމަތްފުޅުން މިހާރުމިވަނީ ވަރަށްބޮޑުތަނުން ލުއިވެ ގެއަށް ބަދަލުކުރެވިފައި ކަމަށެވެ.
އަދި ހޮސްޕިޓަލުގައި ހެދުނު ތަޙުލީލުތަކުންވެސް ސީދާ ވީގޮތެއް އަދި މިކަން ދިމާވާން މެދުވެރިވި ސަބަބު ދެނެގަނެވިފައިނުވާ ކަމަށާއި ބައެއް ނޫސްތަކުގައި ސްޓްރޯކެއް ޖެހުނުކަމަށާއި އަދި ބައެއް ނޫސްތަކުގައި ހުންގަދަވެގެން ކަމަށް ރިޕޯރޓުކުރެވިފައިވަނީ އެފަރާތްތަކަށް ލިބިފައިވާ ޞައްޙަނޫން މަޢުލޫމާތާއި ގުޅިގެންކަމުގައި ޝިޔާމް ވިދާޅުވިއެވެ.
"މިޙާދިސާ ހިނގި ވަގުތުންފެށިގެން ވަރަށް ގިނަފަރާތްތަކުން އައީ އަޅުގަނޑުގެ ޢާއިލާ އަދި ގާތްރައްޓެހިންނަށް ގުޅުއްވާ އަޅުގަނޑުގެ ޙާލުބައްލަވާ ހެޔޮދުޢާގެ މެސެޖްތައް ފޮނުއްވަމުން. މިފުރުޞަތުގައި އެހުރިހާ ފަރާތްތަކަށް އަޅުގަނޑު އަދި ޢާއިލާގެ ނަމުގައި ނުހަނު ލޯތްބާއެކު ޝުކުރު ދަންނަވަން." ޝިޔާމް ވިދާޅުވިއެވެ.
ޙާދިސާ ހިނގިވަގުތު ވަރަށް ކުޑަވަގުތުކޮޅެއްގެ ތެރޭގައި އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްދެއްވުމުގައި އެހީތެރިވެދެއްވި އަޅުގަނޑުގެ އަޚު މަޖިލިސް މެންބަރުންނަށާއި ދެ ހޮސްޕޮޓަލުގެ ޑޮކްޓަރުން، ނަރުހުން އަދި އެހީތެރިންނަށް ނުހަނު އިޚުލާސްތެރި ކަމާއިއެކު އަޅުގަނޑު އަދި އަޅުގަނޑުގެ ޢާއިލާގެ ނަމުގައި ޝުކުރުދަންނަވާ ކަމުގައި ޝިޔާމް ވިދާޅުވިއެވެ.




