ކެނެޑާގެ ކިއުބެކް ސިޓީގައި ކަނޑިން ހަމަލާދީ ދެމީހުން މަރާލައިފައިވާކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.
މި ހަމަލާދިން ކަމަށް ޝައްކުކުރެވޭ އުމުރުން 20 ގެ އަހަރުތައް ގުނަމުންދާ ޒުވާނަކު މިހާރުވަނީ ކެނެޑާ ފުލުހުން ހައްޔަރުކޮށްފައެވެ. މި ހަމަލާގައި ދެމީހުން މަރުވުމުގެ އިތުރުން ފަސްމީހަކުވަނީ ޒަހަމްވެފައެވެ.
މިމައްސަލައިގައި ފުލުހުން ބުނެފައިވަނީ، މިހާތަނަށް ހޯދި ހޯދުމުން މި ހަމަލާދިން މީހަކީ އެއްވެސް ހަރުކަށި ފިކުރުގެ ޖަމާއަތަކަށް ނިސްބަތްވާ މީހެއްކަން އިނގިފައި ނުވާކަމަށެވެ.
ކެނެޑާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ހަމަލާދިން މީހާ ހުރީ ހުސްފައިގައެވެ. އަދި ފުލުހުން އޭނާ ހައްޔަރުކުރަން އުޅުމުން އެއްވެސް ދެކޮޅުވެރިކަމެއް ނުދައްކައި އޭނާވަނީ ބިންމަތީގައި އޮށޯވެ ފުލުހުންނާއި ހަވާލުވެފައެވެ.
ކެނެޑާގެ ކިއުބެކް ސިޓީއަކީ ގިނަ އަދަދަކަށް ފުރެންޗް ބަހުން ވާހަކަދައްކާ މީހުން ދިރިއުޅޭ ސިޓީއެކެވެ.




