ފޮޓޯ: އައްޑޫ ލައިވް

ދޫނިދޫ ޖަލުގައި ބޭނުން ކުރާ ފެން ބޯން އެކަށީގެން ނުވާތީ ފިޔަވަޅު އަޅަން ނިންމައިފި

ދޫނިދޫ ޖަލުގައި ބޭނުންކުރާ ފެން ބޯން އެކަށީގެން ނުވާތީ ހިއުމަން ރައިޓްސް ކޮމިޝަނުން ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

އެޗްއާރުސީއެމް އިން ވިދާޅުވެފައި ވަނީ 2020 އޮކްޓޫބަރު 20 ވަނަ ދުވަހު އެކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް) އިން ކ. ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ކުރި ފޮލޯއަޕް ޒިޔާރަތުގައި އެކަސްޓޯޑިއަލުގައި ބަންދުކުރެވިފައިވާ ފަރާތްތައް ބުއިމަށާއި ސާފުތާހިރުވުމުގެ ބޭނުންކުރަމުންދާ ފެން ތަޙްލީލުކޮށްފައިވާ ކަމަށެވެ.

އެ ގޮތުން އެ ކަސްޓޯޑިއަލުގެ ޑީސެލިނޭޝަން ޕްލާންޓުން ފޯރުކޮށްދޭ ފެނުގައި ގިނަ އަދަދަކަށް "ކޮލިފޯމް (ބެކްޓީރިއާ)" ހުރިކަން ފާހަގަކުރެވިފައިވާކަމަށާއި، އަދި އެ ފެނަކީ ވަރލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ)ގެ މިންގަނޑުތަކަށް ނުފެތޭ ފެނެއްކަށް އެ ކޮމިޝަނުން ވަނީ ވިދަޅުވެފައެވެ.

އެޗްއާރުސީއެމް އިން ވިދަޅުވީ އެ ފެނަކީ ފެންވެރުމާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭނުންކުރުމަށް ކަމުދާ ފެނެއްނޫންކަމަށާއި ފެން ބޭނުންކުރުމުން ހަމުގެބަލިފަދަ ބަލިތައްޖެހުމަށް މަގުފަހިވުމުގެ ފުރުސަތު އޮތްކަމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ
ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ކަމާގުޅޭ މާހިރުން ފަންނީ ލަފާ ދެއްވާފައިވާކަމަށެވެ.

އެހެން ކަމުން ޤާނޫނުއަސާސީއާއި، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ޤަވާއިދުތަކުންނާއި، ދިވެހިރާއްޖޭން ތަސްދީގުކޮށްފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ކަށަވަރުކޮށްދީފައިވާ ސާފު ބޯފެން ލިބުމުގެ ޙައްޤާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުމުގެ ޙައްޤު އެންމެ ފުރިހަމައަށް ލިބިދެވޭކަން ކަށަވަރުކުރުމުގެގޮތުން، ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލުގައި ބަންދުގައި ތިބޭ ފަރާތްތަކަށާއި ދޫނިދޫގައި މިފެން ބޭނުންކުރާ އެންމެހާ ފަރާތްތަކަށް މިފެން ފޯރުކޮށްދިނުން ހުއްޓާލުމަށް އެ ކޮމިޝަނުން ވަނީ އަންގާފައެވެ.

މީގެ އިތުރުން ބަންދުގައި ތިބޭ ފަރާތްތަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސައި، ސާފު ބޯފެން ފޯރުކޮށްދިނުމަށް ހަމަޖެއްސި އިންތިޒާމުތަކުގެ ތަފްސީލް 72 (ހަތްދިހަ ދޭއް) ގަޑިއިރުގެ ތެރޭގައި އެ ކޮމިޝަނާ ލިޔުމުން ހިއްސާކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް 27 އޮކްޓޫބަރު 2020 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގާފައިވާނެ ކަމުގައިވެސް އެޗްއާރުސީއެމް އިން ވިދާޅުވެފައިވެއެވެ.

އެޗްއާރުސީއެމްގެ މިއެންގުމާ އެއްގޮތަށް ޢަމަލުނުކޮށްފިނަމަ، އެކޮމިޝަންގެ ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަންވެސް އެ އިދާރާއަށް އަންގާފައިވާނެކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

އެޗްއާރުސީއެމް އިން ވިދާޅުވީ ނަމަވެސް، 02 ނޮވެމްބަރު 2020 ވަނަ ދުވަހު ކޮމިޝަނުން ކ. ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ޒިޔާރަތްކޮށް ބެލިބެލުމުން އެތަނުގައި ފޯރުކޮށްދެމުންދާ ފެން ފޯރުކޮށްދިނުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ގެނެސްފައިނުވާކަމަށެވެ. އަދި ވަގުތުން ވަގުތަށް ބަދަލެއް ގެނައުމަށް އެކަށީގެންވާ މަސައްކަތެއްކޮށްފައި ނުވާކަން އެކޮމިޝަނުން ވަނީ ހިތާމައާއެކު ފާހަގަކޮށްފައެވެ.

އެހެން ކަމުން މި ކަންތައްތަކަށް ރިޢާޔަތްކޮށް ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލުގައި ބަންދުގައި ތިބޭ ފަރާތްތަކަށާއި ދޫނިދޫގައި މިފެން ބޭނުންކުރާ އެންމެހާ ފަރާތްތަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ