ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށްދިން ޓެރަރިސްޓް ހަމަލާއާއި ގުޅުންހުރި ކަންކަން ބަލަމުންދާކަމަށް ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
އެޗްއާރުސީއެމްއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، 6 މެއި 2021 ގައި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ނީލޯފަރުމަގުގައި ދެވުނު ނުރައްކާތެރި ޙަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު އަނިޔާތަކަށް އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އެރޭގެ 21:00 އެހައިކަންހާއިރު މި ކޮމިޝަނުގެ މެންބަރެއް ހިމެނޭގޮތަށް ޚާއްޞަ ޓީމެއް އެ ހޮސްޕިޓަލަށް ޒިޔާރާތް ކުރިކަމަށެވެ. އަދި މި ޙާދިސާއާ ގުޅިގެން ހޮސްޕިޓަލުގައި ކަން ހިނގަމުންދިޔަ ގޮތް އެރޭގެ 2330 އާ ހަމައަށް ކޮމިޝަނުން ދިޔައީ ބަލަމުންކަމަށެވެ.
އަދި ހަމަމިއާއެކު، މި އަނިޔާވެރި ޙަމަލާއާ ގުޅިގެން މިކަން ކުށްވެރިކޮށް، މިކަމާ ކަންބޮޑުވުން ފާޅުކޮށް، ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދި، އަދި މިޙަމަލާ ދިނުމުގައި ޝާމިލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށާއި އަދި މި ޙާދިސާ މޮނިޓަރ ކުރަމުންދާ ކަން ހާމަކޮށް މި ކޮމިޝަނުން ވަނީ ޙާދިސާ ހިނގިރޭ (6 މެއި 2021) ގެ 22:05 ގައި ޓްވީޓް ކޮށްފައިވާއިރު، މި ޙާދިސާއާ ގުޅޭ އިތުރު ޓްވީޓެއް 6 މެއި 2021 ގެ 23:23 ގައި ކޮށްފައިވާނެކަމަށް މިބަޔާނުގައި ވެއެވެ.
މީގެ އިތުރުން 07 މެއި 2021 ގެ 21:10 ގައި ކޮމިޝަނުން މި ޙަމަލާއާ ގުޅޭ ނޫސްބަޔާނެއް ޓްވިޓަރ މެދުވެރިކޮށް އާންުމުކޮށްފައިވާއިރު، މި ބަޔާނުގައި މި ޙަމަލާ ކުށްވެރި ކުރުމުގެ އިތުރުން މި ޙަމަލާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ޢަމަލު ކުރަމުންދާ ގޮތް މޮނިޓަރ ކުރަމުންދާކަން ބަޔާންކޮށްފައި ވާނެކަމަށްވެސް އެކޮމިޝަނުން ބުނެއެވެ.
"މި ޙާދިސާއާ ގުޅިގެން މި މައްސަލައާ ގުޅުންހުރި ކަންކަން މިކޮމިޝަނުން ދަނީ ބަލަމުންނެވެ. އެގޮތުން، ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުން ޢަމަލުކޮށްފައިވާ ގޮތާއި ކުރަމުންދާ ގޮތް ބަލައި، ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މާލޭ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ޑިފެންސް އަށް ލިޔުމުން ވާނީ ހުށަހަޅާފައެވެ. އަދި މިހާތަނަށް މިނިސްޓްރީ އޮފް ޑިފެންސް ފިޔަވައި އެހެނިހެން މުއައްސަސާތަކުން މި ކޮމިޝަނުން އެދިފައިވާ މައުލޫމާތު ޙިއްޞާކޮށްފައިވާކަން ފާހަގަ ކުރަމެވެ." އެޗްއާރުސީއެމްގެ ބަޔާނުގައި ވެއެވެ.
އެޗްއާރުސީއެމްއިން ބަޔާން ނެރެފައިމިވަނީ، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީގެ 175 ވަނަ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި "6 މެއި ކޮމިޓީ" ގެ މަސައްކަތުގެ މަޢުލޫމާތު ޤައުމީ މަޖިލީހުގައި ދެކުވުނު ވާހަކަތަކަކާއި ގުޅިގެންނެވެ.
އެގޮތުން އަންހެނުންގެ ރޫޙުގެ ރައީސާ ޞިފާ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ހިއުމަން ރައިޓްސްގެ ފަރާތުން މި އިން އެއްވެސް ކަމަކާ އުޅޭތޯ އެއްސެވި ސުވާލަށް ޖަވާބު ދެއްވަމުން "6 މެއި ކޮމިޓީ" ގެ ޗެއަރ ތ. ވިލުފުށި ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޙަސަން އަފީފުގެ ވާހަކަފުޅުގައި "...އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަނަކުން ހަމަ ޔަޤީނުންވެސް އަޅުގަނޑު އަޑެއް ނާހަން ހިއުމަން ރައިޓްސް ކޮމިޝަނުން މިކަމާ ގުޅިގެން އެއްވެސް ބަޔާނެއް ނެރުންކަން....އާދެ، މިއަށް ވުރެ ބޮޑު އިންސާނީ ޙައްޤެއް ކޮބައިތޯ މީހާގެ ފުރާނައެއީ އެންމެ ބޮޑު ޙައްޤަކީ. މީހެއްގެ ފުރާނަ ދުއްވާލަން ދޭ ޙަމަލާއެއް އެއީ، ކުށްވެރިކޮށްލާފަވެސް އެވަރު ނުކުރެވޭކަމަށްވަންޏާ އަޅުގަނޑުމެންނަށް ހިއުމަން ރައިޓްސް ކޮމިޝަންގެ މަސްއޫލިއްޔަތާ އެބޭފުޅުން ކުރަމުންދާ މަސައްކަތް އަޅުގަނޑުމެން ކިހިނެތްތޯ ބަލައިގަންނާނީ." ވިދާޅުވެފައިވެއެވެ.
ނަމަވެސް އެޗްއާރުސީއެމްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ޙަމަލާއާ ގުޅިގެން ޚާއްޞަ ސަމާލުކަމެއް ދީގެން އެ ކޮމިޝަނުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އަދި ވަކިން ޚާއްޞަކޮށް ހިއުމަން ރައިޓްސް ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކޮމިޝަނުގެ 5 ވަނަ ދައުރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ކޮމިޝަނާ މެދު ޢާއްމު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް އެއްވެސް ފަރާތަކުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ހާމަކުރުމަކީ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ.
އަދި ޚާއްޞަކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއިން މި ޙާދިސާއާ ގުޅިގެން މުއައްސަސާތަކުން ޢަމަލު ކުރާ ގޮތް ބެލުމަށް އެޕާޓީގެ ޤައުމީ މަޖިލީހުގެ 174 ވަނަ ޖަލްސާއިން
އެކުލަވާލި "6 މެއި ކޮމިޓީ” އަށް ހޯދުނު މަޢުލޫމާތު ހާމަ ކުރެއްވުމުގައި މި ކޮމިޝަނުގެ ރަސްމީ ޓްވީޓަރގައި ޢާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބެއްލެވުމެއްނެތި އަދި ކޮމިޝަނުގެ މަސައްކަތްތަކުގެ މަޢުލޫމާތު މި ކޮމިޝަނުން ހޯއްދެވުމަށް އެއްވެސް މަސައްކަތެއް ކުރެއްވުމެއް ނެތި ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ޢާއްމުކުރައްވާފައިވާތީ އެކަމާ ކަންބޮޑުވެ ހިތާމަކުރާކަމަށްވެސް ކޮމިޝަންގެ ބަޔާނުގައިވެއެވެ.



