"ފަސްކުރި" ދޯނި ހައިޖެކް ކުރި މައްސަލާގައި ފިޔަވަޅު އަޅަމުންދޭތޯ ބަލާނަން: އެޗްއާރުސީއެމް

އައްޑޫ ސިޓީގެ މަސްވެރިންތަކެއް ތިބި "ފަސްކުރި" މަސްދޯންޏަށް ތޫނު ހަތިޔާރާއެކު ބަޔަކު އަރައި، އެދޯނި ހައިޖެކްކޮށް ދޯނީގައި ތިބި ފަޅުވެރިންނަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކި މައްސަލާގައި އެކަން ކުރި މީހުންނަށް ފިޔަވަޅު އަޅަމުންދޭތޯ ބަލާނެ ކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ވިދާޅުވެއްޖެއެވެ.

އެކޮމިޝަނު މިހެން ވިދާޅުވެފައި ވާއިރު މި މައްސަލައިގައި ހައްޔަރު ކުރި 16 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެމީހުން ދޫކޮށްލާފައެވެ. ނަމަވެސް ފުލުހުން ވިދާޅުވެފައި ވަނީ މި މައްސަލަ އަކީ ފުލުހުން ތަޙްޤީގު ކުރަމުންދާ މައްސަލައެއްކަމަށާއި މި މައްސަލައިގައި ވަށައިގެންވާ ހުރިހާކަމެއްވެސް ތަޙްޤީގުގެ ތެރެއިން ބަލާނެކަމަށެވެ.

"ފަސްކުރި" ދޯނި ހައިޖެކް ކޮށްފައި ވަނީ 2020 އޮކްޓޫބަރު 26 ވަނަ ދުވަހުގެ ދަންވަރު، ލ.އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮއްވައި ތޫނު ހަތިޔާރާއެކު ބަޔަކު އަރައެވެ. މި މައްސަލައާއި ގުޅިގެން އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކޮށްފައިވަނީ އޮކްޓޫބަރު 27 ވަނަ ދުވަހުއެވެ. އެދުވަހު 3 މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާއިރު، އޮކްޓޫބަރު 29 ވަނަ ދުވަހު މި މައްސަލައާއި ގުޅުންހުރިކަމަށް ތުޙުމަތުކުރެވޭ 7 ދިވެއްސަކުވެސް ވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފަސްކުރި ދޯންނަށް ބަޔަކު އަރާފައިވަނީ، ދޯނި ގަތް ފަރާތުން ދޯނި ގަތް އަގަށްވާ ފައިސާ ދައްކަމުން ނުދާކަމަށް ބުނެއެވެ.

މިކަމާއި ގުޅިގެން އެޗްއާރުސީއެމް އިން ވަނީ ދޯނި ހައިޖެކް ކޮށް ތޫނު ހަތިޔާރުން ބިރުދެއްކި މައްސަލައަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިންނާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާއި، ދިވެހިރާއްޖެއިން ބައިވެރިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކާއި، ދިރިހުރުމުގެ ޙައްޤާއި، ނަފްސު ރައްކާތެރިކުރުމުގެ ޙައްޤާއި، މުދާ ރައްކާތެރިކުރުމުގެ ޙައްޤާއި މަސައްކަތްކުރުމުގެ ޙައްޤަށް ހުރަސްއެޅިދާނެފަދަ މައްސަލައެއް ކަމަށްވުމާއެކު، މިކަން އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރިކޮށްފައެވެ.

އެ ކޮމިޝަނުން ވަނީ ޓެރަރިޒަމްގެ މި މައްސަލައަކީ ޚައްޞާޞް މައްސަލައެއްގެ ގޮތުގައި ދެކި، ވީ އެންމެ އަވަސް މިނެއްގައި ތަޙުޤީގުކޮށް، މި ބިރުވެރި އަމަލު ހިންގާފައިވާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެނެސް، މި ޙާދިސާ ކުރިމަތިވި މަސްވެރިންނަށް އިންސާފު ކަށަވަރުކުރުމަށް
ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށް އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން މި މައްސަލައާ ގުޅިގެން ދައުލަތުގެ އިދާރާތަކުން އެންމެ އެކަށީގެންވާ ފިޔަވަޅުތައް އަޅަމުންދޭތޯ އެކޮމިޝަނުން ފާރަވެރިވެ މި މައްސަލައިގެ ތަޙްޤީޤު ކުރިޔަށްދާ މިންވަރު ގާތުން ބަލަމުންދާކަމުގައިވެސް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ދޭދޭ ފަރުދުންގެ މެދުގައި ޖެހޭ މިފަދަ މައްސަލަތަކުގައި، ބާރުގެ ބޭނުންކޮށް މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުމަކީ މުޖުތަމަޢުގައި އަނިޔާވެރިކަމާއި ހަމަނުޖެހުމާއި ލޭ އޮހޮރުވުން ފެތުރިދާނެފަދަ ކަމެއްކަމަށްވުމާއެކު، މިފަދަ ޢަމަލުތަކުން އެންމެހައި ފަރާތްތަކުން ދުރުހެލިވުމަށް އެޗްއާރުސީއެމްއިން ވަނީ ގޮވާލައިފައެވެ. އަދި ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ދަޢުލަތުގެ ކަމާބެހޭ އިދާރާތައް މެދުވެރިކޮށް، މިފަދަ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްކުރުމަށް އެންމެހައި ފަރާތްތަކަށް އެކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

މުޖުތަމަޢުގައި ޞުލްޙަ މަސަލަސްކަން ދަމަހައްޓައި، ދިވެހިރާއްޖެއަކީ ރާއްޖޭގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް އަމާން ވެށްޓެއްކަމުގައި ހެދުމަށް މަސައްކަތްކުރުމަކީ އެންމެހައި ފަރުދުންގެ ޒިންމާއެއްކަމުގައި އެޗްއާރުސީއެމްއިން ހަނދާން ކޮށްދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ