ކްރިމިނަލް ކޯޓުގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހުރިހާ މައްސައެއް އަނބުރާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައިފިއެވެ.
އަދީބުގެ 10 ވަރަކަށް މައްސަލަ ކްރިމިނަލް ކޯޓުގައި އޮތްއިރު ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި ކަމަށް ބުނާ މައްސަލަ އާއި ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ މައްޗަށް ކުރި ހުކުމް ބާތިލުކޮށް އެ ދެ މައްސަލަވެސް އަލުން ބެލުމަށް ވަނީ އަނބުރާ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ.
އަދިބުގެ މައްސަލަތަށް އެގޮތަށް އަނބުރާ ފޮނުވަން ފަނޑިޔާރުންގެ މަޖިލީހަށް ހުށައެޅުއްވީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީ އަޙްމަދު ހައިލަމްކަމަށްވެއެވެ. އެ ހުށައެޅުމަށް ދެކޮޅުހަދާފައިވަނީ އެބެންޗުގެ އެންމެ ފަނޑިޔާރެއްކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
އެ ހުރިހާ މައްސަލައެއް އަންނަ އާދިއްތަ ދުވަހު ޕީޖީއަށް ފޮނުވަން ނިންމާފައިވާ ކަމަށްވެސް ވެއެވެ.
ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައަކާއި ގުޅިގެން 15 ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ އަދީބު މިހާރު ހުންނެވީ ގޭބަންދުގައެވެ.




