ޖުވާ ކުޅުމާއި، ޓްރޭޑިން ސައިޓް ތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކާޑުތައް ބޭނުން ނުކުރެވޭ ގޮތަށް އެ ބޭންކް އިން ހަދައިފިއެވެ.
ބީއެމްއެލް އިން މިރޭ ނެރެފައިވާ ދެންނެވުމެއްގައި ބުނީ ގާނޫނާއި ގަވައިދުތަކާ ހިލާފު މާލީ މުއާމަލާތްތަކުގައި އެ ބޭންކް އިން ދޫކޮށްފައިވާ ކާޑުތައް ބޭނުން ކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަށް އެ ބޭންކުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން ޖުވާ ކުޅުމަށް ބޭނުންކުރާ ސައިޓްތަކަށް މީހުން ވަދެ މުއާމަލާތް ކޮށްފައިވާ މިންވަރު ފާއިތުވި މަސްތަކުގައި ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށާއި އެހެންކަމުން އޮންލައިން ޓްރޭޑިން ސައިޓްތައް ވެސް ބްލޮކް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކް އިން ބުންޏެވެ.
ބީއެމްއެލް އިން އިތުރަށް ބުނެފައިވަނީ، ޑޮލަރު ލިބެން ހުރި މިންވަރު ނުހަނު ބޮޑަށް ދަށްވެފައިވާ ހާލަތެއްގައި މިފަދަ އޮންލައިން ޓްރޭޑިން ޕްލެޓްފޯމުތައް މެދުވެރިކޮށް ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ ބޭރުވަމުން އަންނަ ކަމަށާއި، މިފަދަ އުނދަގޫ އަދި ދަތި ހާލަތެއްގައި ދިވެހި ރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމުގެ ގޮތުން އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމާއި ކޮންމެހެން ބޭނުންތެރި ނޫން ބޭރުގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ.
"ކާޑުން ކުރެވޭ ރާއްޖެ އިން ބޭރުގެ މުއާމަލާތްތައް ބޭންކުން މޮނިޓާ ކުރަމުންދާނެ ކަމަށާއި އަދި ބޭންކަށް ފެނިއްޖެ ހާލަތެއްގައި އެފަދަ މުއާމަލާތްތައް އެއްވެސް އިތުރު އެންގުމަކާ ނުލައި ބްލޮކް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާނެ ކަމަށް ބީއެމްއެލް އިން ނެރެފައިވާ ދެންނެވުމުގައިވެއެވެ.
								
											


														
														
														
														
														
														