ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ބޭނުން ކުރަން ތިބި ދެ މީހަކު ހައްޔަރު ކޮށްފިއެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މެއި 30 ވަނަ ދުވަހުގެރޭ 20:20 ހާއިރު ހިންގި އޮޕަރޭޝަނެއްގައި މިދެމީހުން ހައްޔަރުކޮށްފައިވަނީ އެރަށު ގެއެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރަން ތިބިކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެންކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މިދެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު މިދެމީހުން ތިބި ތަނުން މަސްތުވާ އެއްޗެއް ހުރި ކަރުދާސްކޮޅެއް ފެނިފައިވާކަމަށްވެސް ފުލުހުންވަނީ ވިދާޅުވިއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.