ކަނޑިންމަ ރިސޯޓުން އިތުރު 27 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ) އިން ވިދާޅުވީ، ކަނޑިންމަ ރިސޯޓުން މިއަދު އިތުރު 27 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެޗްއީއޯސީ އިން ވިދާޅުވީ މިހާތަނަށް އެ ރިސޯޓުން ޖުމްލަ 176 ސާމްޕަލް ނެގިފައިވާ ކަމަށާއި މި ސާމްޕަލް ތަކުގެ ތެރެއިން ޖުމްލަ 46 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މި ސާމްޕަލް ތަކުގެ ތެރެއިން ނަތީޖާ އަދި ކަށަވަރު ނުކުރެވޭ 4 ސާމަޕަލް ހިމެނޭ ކަމަސް ވިދާޅުވިއެވެ.
އެންމެ ފުރަތަމަ ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ހާލުބޮޑުވެގެން ފަރުވާ ދެމުންދަނިކޮށް ނިޔާވި މީހަކެވެ. މިއީ ރާއްޖޭގައި ރިސޯޓަކުން ކޮވިޑް-19 ގައި ނިޔާވި ފުރަތަމަ މީހާއެވެ.
ކަނޑިންމަ މޯލްޑިވްސްއިން ހާލުބޮޑުވެގެން ކުޑަހުވަދޫއަށް ގެންދިޔަ މީހާ ނިޔާވެފައިވަނީ އޮކްޓޫބަރު 30 ވަނަ ދުވަހުގެ ރޭ އިރާކޮޅުގައެވެ. އެމީހަކީ ދ. މާއެނބޫދޫއަށް ނިސްބަތްވާ ކަނޑިންމަ ރިޒޯޓުގެ ފިރިހެން މުވައްޒަފެކެވެ.
އޭގެ ފަހުން ނޮވެމްބަރު އެއްވަނަ ދުވަހު ކަނޑިންމަ ރިސޯޓުން ނެގި 20 ސާމްޕަލްގެ ތެރެއިން 17 ސާމްޕަލް އެއް ވަނީ ޕޮޒިޓިވެފައިވާއިރު އިއްޔެ ވެސް ވަނީ ކަނޑިންމަ ރިސޯޓުން އިތުރު 2 މީހަކު ޕޮޒިޓިވް ވެފައެވެ.



