ކަނޑިންމަ ރިސޯޓުން ކޮވިޑް-19 އަށް ގިނަ ފަރާތްތަކެއް ޕޮޒިޓިވް ވެފައިވާތީ، ކޮވިޑް ކޮންޓްރޯލްކުރަން އެޗްއީއޯސީގެ ޓީމެއް ދ. އަތޮޅަށް ގޮސްފިއެވެ.
ލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްއީއޯސީ) އިން ވިދާޅުވީ، މިވަގުތު އެޗްއީއޯސީގެ ޓީމެއް ދ. އަތޮޅަށް ގޮސް މިކަން ބަލަމުންދާ ކަމަށާއި އަދި ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅެންހުރި ފިޔަވަޅުތައް ބަލައި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކަނޑިންމަ ރިސޯޓުން އިއްޔެ އިތުރު 27 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ޖުމްލަ މިވަގުތު 46 މީހުން އެ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ.
އެންމެ ފުރަތަމަ ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ހާލުބޮޑުވެގެން ފަރުވާ ދެމުންދަނިކޮށް ނިޔާވި މީހަކެވެ. މިއީ ރާއްޖޭގައި ރިސޯޓަކުން ކޮވިޑް-19 ގައި ނިޔާވި ފުރަތަމަ މީހާއެވެ.
ކަނޑިންމަ މޯލްޑިވްސްއިން ހާލުބޮޑުވެގެން ކުޑަހުވަދޫއަށް ގެންދިޔަ މީހާ ނިޔާވެފައިވަނީ އޮކްޓޫބަރު 30 ވަނަ ދުވަހުގެ ރޭ އިރާކޮޅުގައެވެ. އެމީހަކީ ދ. މާއެނބޫދޫއަށް ނިސްބަތްވާ ކަނޑިންމަ ރިޒޯޓުގެ ފިރިހެން މުވައްޒަފެކެވެ.
އޭގެ ފަހުން ނޮވެމްބަރު އެއްވަނަ ދުވަހު ކަނޑިންމަ ރިސޯޓުން ނެގި 20 ސާމްޕަލްގެ ތެރެއިން 17 ސާމްޕަލް އެއް ޕޮޒިޓިވެފައިވާއިރު ނޮވެމްބަރު ދެވަނަ ދުވަހުވެސް ވަނީ ކަނޑިންމަ ރިސޯޓުން އިތުރު 2 މީހަކު ޕޮޒިޓިވް ވެފައެވެ. އަދި އިއްޔެ 27 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
ކަނޑިންމަ ރިސޯޓުން ހާލުބޮޑުވެގެން ކުޑަހުވަދޫއަށް ގެންދިޔަ މީހާ ނިޔާވެފައިވަނީ ފަރުވާ ލިބުން ލަސް ވެގެން ކަމަށާއި އަދި އެ ރިސޯޓުގައި ކޮވިޑް-19 ފެތުރިފައި އޮތް އިރު އެކަން ސިއްރު ކުރި ކަމުގެ ތުހުމަތުތައް ބައެއް ފަރާތްތަކުން ކުރަމުންދާއިރު އެޗްއީއޯސީ އިން މިކަމަށް ވަކި އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.




