މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން(ބީސީސީ)އާއެކު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ(އެމްއޯޔޫ) އެއްގައި ސޮއިކުރައްވައިފިއެވެ.
އެކޮނޮމިކް މިނިސްޓްރީން މިއަދު ނޫސް ބަޔާނުގައި ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއެކު، 05 ނޮވެމްބަރ 2020 ވީ ބުރާސްފަތި ދުވަހު އެމްއޯޔޫއެއްގައި ސޮއިކުރެވުނުކަމަށެވެ.
މިނިސްޓްރީން ވިދާޅުވީ، މިއެމްއޯޔޫގެ މަޤްޞަދަކީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި މިނިސްޓްރީ
އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ހުޅުމާލޭގައި ހިންގޭ ޕްރޮޖެކްޓްތަކުގައި، ހައުސިންގ ޑިވެލޮޕްމަންޓްކޯޕަރޭޝަންގެ އެއްބާރުލުމާއި ބައިވެރިވުން އިތުރުކުރުންކަމަށެވެ.
އެގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހިންގާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތަކުގައި، ކުދި އަދި މެދު ފަންތީގެވިޔަފާރިތަކުން ބައިވެރިވުމަށް މަގުފަހިކޮށް، އެފަދަ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށް ދިނުމާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އިސްނަގައިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމަށްޓަކައި ހުޅުމާލޭގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގައި، ކޮންސެޝަނަލް ރޭޓް އެއްގައި ޖާގަ ފޯރުކޮށްދިނުން ހިމެނޭކަމަށް މިނިސްޓްރީން ވިދާޅުވިއެވެ،
މީގެ އިތުރުން މިނިސްޓްރީން ވިދާޅުވީ، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެން، ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓްތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރުމާއި، މިފަދަ ވިޔަފާރިތައް ކުރިއެރުވުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހިންގާ ހަރަކާތްތަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން ދެވެން އޮތް އެހީތެރިކަމެއް ދިނުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ދުރު ރާސްތާގެ ޕްލޭންތައް ހެދުމާއި މިފަދަ ވިޔަފާރިތަކަށް ފުރުސަތު ހޯދައި ދިނުމަށް، ދެ ކުންފުނިން ގުޅިގެން މަސައްކަތް މި އެމްއޯޔޫގައި ހިމެނޭކަމަށެވެ.
MOU between MED, HDC and BCC to jointly assist Small and Medium Enterprises projects in Hulhumale' was signed today.@hdcmaldives @BCC_mv pic.twitter.com/jPurcT5XS9
— Economy & Trade (@MoEDmv) November 5, 2020
މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛު ފައްޔާޒް އިސްމާއީލް އެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަލްފާޟިލް ސުހައިލް އަހްމަދެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އަލްފާޟިލާ ފަޒްލީނާ ފާކިރް އެވެ.
މި އެމްއޯޔޫގެ ސަބަބުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ފޯރުކޮށްދެވި، މިފަދަ ވިޔަފާރިތައް ކުރިއަރުވައި ތަރައްޤީ ކުރުމަށް މި މިނިސްޓްރީއިން ކުރަމުން ގެންދާ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.
								
											

