އަންހެނަކު ރޭޕްކުރިކަމުގެ ކުށް ސާބިތުވެ ގދ. ތިނަދޫ، ހުޅަނގުގެ، ހަސަން ފާއިޒު (ޖޭސަން) 15 އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މާލޭގައި އާޓް ސްޓޫޑިއޯއެއްގެ ތެރޭގައި 19 އަހަރުގެ ޒުވާން އަންހެނަކު ރޭޕް ކުރިކަމުގެ ތުހުމަތުގައި ފާއިޒު ހައްޔަރުކުރީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. ޖޭސަންގެ ރޭޕްގެ ކުށުގެ ޝިކާރައަށްވި 19 އަހަރުގެ އެ އަންހެން ކުއްޖާ މީޑިއާތަކަށް ކިޔައިދީފައިވާ ގޮތުގައި އެ އަންހެން ކުއްޖާ ޖޭސަންގެ އާޓް ސްޓޫޑިއޯއަށް ގެންދިޔައީ އާޓް ޕްރޮޖެކްޓްއެއްގައި މަޝްވަރާ ކުރަން ކަމަށް ބުނެއެވެ.
ރޭޕްގެ ދައުވާ އުފުލައި ފާއިޒުގެ މައްޗަށް ކްރިމިނަލް ކޯޓުން ޝަރީއަތް ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. މި މައްސަަލައިގައި ހުކުމްކޮށްފައިވަނީ މިއަދު ހެނދުނު ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައެވެ.
މިމައްސަލަ 2018 ވަނަ އަހަރު މީޑިއާތަކަށް ފެންމަތިވެގެން އައިރު، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، ރުހުމުގައިވެސް އަދި ނުރުހުމުގައިވެސް އަންހެން ކުއްޖާގެ ގައިގާ އަތްލާފައި ނުވާނެ ކަމަށް މީޑިއާތަކުގައި ޖޭސަން ބުންޏެވެ. ނަމަވެސް ރޭޕްކުރި ޝިކާރައަކަށްވި އަންހެން ކުއްޖާ ބުނީ، މި މައްސަލަ ސިއްރުކުރަން 16،000 ރުފިޔާ ދޭނެ ކަމަށް ޖޭސަން ބުނިކަމަށާއި، މިމައްސަލާގައި ފުލުހަށް ދިޔަޔަސް މައްސަލަ ކާމިޔާބުނުވާނެކަމަށް ބިރު ދެއްކިކަމަށެވެ.
ޖޭސަންއަކީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނިހާންގެ ކޮއްކޮއެވެ. މި މައްސަލަ ފެންމަތިވިއިރު ނިހާން ހުންނެވީ އޭރު ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަމުގައެވެ.
އެހެންކަމުން ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ މިމައްސަލަ ސަރުކާރުން ނުބަލާނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އޭރު ސަރުކާރަށް ގިނަ ފާޑުކިއުންތަކެއް އަމާޒުކޮށްފައިވާކަންވެސް ފާޙަގަކޮށްލެވެއެވެ.



