މިދިޔަ އޮކްޓޯބަރު މަހު އެކަނިވެސް ޖަލުތަކުން ޤަވާއިދާ ޚިލާފަށް ވައްދާފައިވާ 38 ފޯނު އަތުލައި ގަނެފައިވާކަމަށް މޯލްޑިވްސް ކަރެކްޝަންސް ސަރިވިސްއިން ބުނިފއެވެ.
އެސަރވިސްގެ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖަލުތަކުން އަތުލައިގެނެވުނު 38 ފޯނުގެ ތެރެއިން 30 ފޯނު އަތުލާފައިވަނީ މާފުށީ ޖަލުންނެވެ. އަދި މާލޭ ޖަލުން 2 ފޯނެއް އަތުލާފައިވާއިރު، އައްސޭރި ޖަލުން ޖުމްލަ 6 ފޯނެއް އަތުލާފައިވާކަމަށްވެސް ކަރެކްޝަންއިން ބުނެއެވެ.
މީގެއިތުރުންވެސް ފޯނާއި ގުޅޭ އެހެނިހެން ގިނަ ސާމާނުތައްވެސް ޖަލުތަކުން ހޯދާފައިވާއިރު، އޭގެތެރޭގައި 11 ފޮނު ޗާޖަރާއި، 9 ސިމްކާޑާއި އަދި 4 ބެޓެރީގެ އިތުރުން 8 ހެޑްސެޓް ހިމެނެއެވެ.
Monthly statistics of October 2020 pic.twitter.com/Gdj3HBbyvQ
— Maldives Correctional Service (@CorrectionsMv) November 5, 2020
ޖަލުތަކަށް ފޯނާއި މަސްތުވާތަކެތި ވެއްދުމަކީ ވަރަށް އާންމު ކަމެކެވެ. އަދި ބައެއް ފަހަރު މިފަދަ ތަކެތި އަތުލައިގަނެވޭއިރު، ޖަލުތަކަށް ފޯނާއި އެހެނިހެން ތަކެތި ވެއްދުން އަދިވެސް މުޅިން ކޮންޓްރޯލެއް ނުކުރެވެއެވެ.
މީގެއިތުރުން މަކަރާއި ހީލަތް ހަދައިގެން ތަފާތު ޕްރޮމޯޝަންތަކުގެ ނަމުގައި ކުރެވޭ ފޯން ކޯލްތައް ކުރެވެމުންދަނީ ޖަލުތަކުގެ ތެރެއިން ޤައިދީންކަމަށް ގިނަ ރައްޔިތުން ތުޙުމަތުކުރެއެވެ. އަދި މިފަދަ ފޯން ކޯލްތަކުން އެތަށް ފަރާތްތަކެއްގެ އަތުން ނަހަމަ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ފޭރިގަނެފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
މިފަދަ ފޯން ކޯލްތަކުން އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ގިނަ ގުނަ މަސައްކަތް މިހާރުވެސްދަނީ ކުރެވެމުންނެވެ. މިފަދަ ކޯލްތައް އެންމެ ގިނައިން ގުޅަނީ ބޭންކުން ކަމަށްބުނެއެވެ.