30 މިލިއަން ޑޯޒްގެ ކޮވިޑް-19 ވެކްސިން ގަތުމަށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓާއެކު ބަންގުލަދޭޝްއިން މިއަދު އެއްބަސްވުމަކަށް އައިސްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ސެރަމް އިންސްޓިޓިއުޓުން އިނގިރޭސިވިލާތުގެ އެސްޓްރަޒެނިކާ އިން ތައްޔާރު ކުރުމަށް މަސައްކަތްކުރަމުންދާ ކޮވިޑް-19ގެ ވެކްސިން ބަންގުލަދޭޝްއަށް ފޯރުކޮށްދޭން ޖެހޭނެއެވެ.
އެސްޓްރަޒެނިކާ އިން ތައްޔާރު ކުރުމަށް މަސައްކަތްކުރަމުންދާ ކޮވިޑް-19ގެ ވެކްސިންއާ ބެހޭގޮތުން ބެލެވެމުން އަންނަނީ މި ވެކްސިން ވެގެންދާނީ ކޮވިޑް-19 އާއި ދެކޮޅަށް އުފެއްދޭ އެންމެ ކާމިޔާބު ވެކްސިންގެ ގޮތުގައެވެ. މިވަގުތު މިވެކްސިން އުޅެނީ ޓެސްޓު ކުރުމުގެ މަރުހަލާގައެވެ.
"ވެކްސިން ތައްޔާރުވުމާއެކު ސެރަމް އިންސްޓިޓިއުޓުން ފުރަތަމަ ފޭސްގައި އަހަރެމެންނަށް 30 މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ" އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބަންގުލަދޭޝްގެ ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ބަންގުލަދޭޝްގެ ބިޒިމްކޯ ފާރމަސޫޓިކަލް މެދުވެރިކޮށް ފަސް މިލިއަން ޑޯޒްގެ ވެކްސިން ކޮންމެ މަހަކު ގަނެވޭނެ ކަމަށެވެ.
މި ވެކްސިނަކީ ދެފަހަރެއްގެ މަތިން ކޮންމެ މީހަކަށް ދިނުމަށް ހަމަޖެހިފައިވާ ވެކްސިނެއް ކަމުން ބަންގުލަދޭޝްއިން ތައްޔާރުވަމުން އަންނަނީ 15 މިލިއަން މީހުންނަށް މި ލިބޭ ވެކްސިން ދިނުމަށެވެ. ވެކްސިންގެ ޑޯޒްއެއް ހަތަރު ޑޮލަރާއި ފަސް ޑޮލަރާއި ދެމެދުގެ އަގެއްގައި ވިއްކޭނެކަމަށްވެސް ބަންގުލަދޭޝްއިން ހާމަކުރެއެވެ.



