ކޮވިޑް ނެގެޓިވް ފޭކް ސެޓްފިކެޓް ވިއްކަމުން ދިޔަ ބަޔަކު ފުރާންސުން ހައްޔަރުކޮށްފި

ކޮވިޑް-19 އަށް ނެގެޓިވްކަން ހާމަކޮށް ހަދައިފައިވާ ސެޓްފިކެޓް ދަތުރުވެރިންނަށް ވިއްކަމުންދިޔަ ހަތްމީހުން ފުރާންސުގެ އެއާޕޯޓަކުން ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މީހުން ހައްޔަރުކުރިއިރު މިމީހުންގެ އަތުން މީގެ 200 ފޭކް ސެޓްފިކެޓް ފެނިފައި ވެއެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ހަ ފިރެހެނުންނާއި އަދި އެއް އަންހެނެކެވެ.

ފުރާންސުގެ ޕްރޮސިކިއުޓަރުން ބުނެފައިވަނީ މީގެން ސެޓްފިކެޓެއް ވިއްކާނެ އަގު ކަމަށް ބެލެވެނީ 300 ޔޫރޯއަށް ކަމަށެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން އެއްގައުމުން އަނެއް ގައުމަށް ދަތުރުކުރުމުގެ ކުރިން އެ ދަތުރުކުރާ މީހަކީ ކޮވިޑް-19ގެ ބަލި ނެއްމީހެއްކަން މިހާރު ގިނަ އެއާލައިންތަކުން ކަށަވަރު ކުރެއެވެ.

ފުރާންސުގެ އެއާޕޮޓުން ފޭކް ސެޓްފިކެޓްތަކެއް ވިއްކަމުންދިޔަ ބަޔަކު ހައްޔަރުކޮށްފައި މިވަނީ މިފަދަ ފޭކް ސެޓްފިކެޓްތަކެއް ބޭނުން ކޮށްގެން އިތިއޯޕިއާއަށް ދިއުމަށް އުޅުނު ބަޔަކު ފަޅާއަރައިފައި ވަނިކޮށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ފޭކް ސެޓްފިކެޓް ވިއްކަމުންދިޔަ މީހުން ބޭނުން ކޮށްފައިވާ ސެޓްފިކެޓް ރަމްޒުކޮށްދެނީ ސިއްހީ އެހީތެރިކަން ފޯރުކޮށްދޭ ތަނަކުން ދޫކޮށްފައިވާ ސެޓްފިކެޓުގެ ގޮތުގައެވެ.

ހަތްމީހުންގެ މައްޗަށް ފުރާންސުގެ ޕްރޮސިކިއުޓަރުން ކުރާ ދައުވާ ސާބިތުވެއްޖެނަމަ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދި 375،000 ޔޫރޯއިން ޖޫރިމަނާކުރާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ