ޑިމަކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޖޯ ބައިޑަން އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްފިއެވެ.
ބަރަކް އޮބާމާގެ ވެރިކަމުގައި ނައިބުރައީސްކަންވެސް ކުރައްވައިފައިވާ ބައިޑަން މި އިންތިހާބު ކާމިޔާބު ކޮށްފައިވަނީ މިހާރުގެ ރައީސް ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ޑޮނަލްޑް ޓުރަމްޕް އާއި ވާދަކޮށްގެއްނެވެ.
މިހާތަނަށް ގުނުނު ފޮށިތަކުގެ ނަތީޖާ ދައްކާގޮތުން ބައިޑަންވަނީ 538 އިލެކްޓޯރަލް ވޯޓުގެ ތެރެއިން 270 އިލެކްޓޯރަލް ވޯޓަށްވުރެ ގިނަ ވޯޓު ކާމިޔާބު ކޮށްފައެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ މި ނަތީޖާއާއެކު ޓުރަމްޕް ވެގެން ގޮސްފައިވަނީ 1990 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރައީސް ކަމުގައި ދެދައުރު ފުރިހަމަ ނުކުރެވުނު ފުރަތަމަ ރައީސްގެ ގޮތުގައެވެ.
މިއަހަރުގެ އިންތިހާބު ވެގެންގޮސްފައިވަނީ 1900 ވަނަ އަހަރަށްފަހު އެންމެ ގިނަ އަދަދެއްގެ މީހުން ވޯޓުގައި ބައިވެރިވެގެން ކުރިއަށް ގެންދިޔަ އިންތިހާބުގެ ގޮތުގައެވެ. އިންތިހާބު ކާމިޔާބުކުރި ބައިޑަން ވެގެންގޮސްފައިވަނީ ރިޔާސީ އިންތިހާބެއްގައި އެންމެގިނަ ވޯޓު ކާމިޔާބުކުރި ކެންޑިޑޭޓުގެ ގޮތުގައެވެ. ބައިޑަންވަނީ މި އިންތިހާބުގައި 73 މިލިއަނަށްވުރެ ގިނަ ވޯޓު ކާމިޔާބު ކޮށްފައެވެ.