އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ޑިމަކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯބައިޑަންއަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަރުހަބާ ދައްނަވައިފިއެވެ.
ދާދިދެންމެއަކު ރައީސް ސޯލިހް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑަން އެމެރިކާގެ 46 ވަނަ ރައީސް ކަމަށް އިންތިހާބުވުމުން އެ ކާމިޔާބީގެ މަރުހަބާ އެމަނިކުފާނަށް ދައްނަވާ ކަމަށެވެ.
މީގެއިތުރުން، ބައިޑަންގެ ސަރުކާރާއެކު ދެގައުމުގެ މަސްލަހަތު އޮއްނަ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވޭނެ ކަމުގެ އުންމީދުކުރާ ކަމަށްވެސް ރައީސް ސޯލިހްގެ ޓުވީޓުގައި ބުނެފައި ވެއެވެ. މިގޮތުން ކޮވިޑް-19ގެ ބަލިމަޑުކަމާއި އަދި މޫސުމީ ކަނކަން ފާހަގަ ކޮށްފައި ވެއެވެ.
Congratulations to President-Elect @JoeBiden on his election as the 46th President of the United States. I look forward to working with your administration on issues of mutual concern from global efforts to recover from COVID-19 to responding to the climate emergency.
— Ibrahim Mohamed Solih (@ibusolih) November 7, 2020
އެމެރިކާގެ ރިޔާސީ އިންތިހާބު މިދިޔަ އަންގާރަ ދުވަހު ބާއްވާފައިވާއިރު ވަގުތީ ނަތީޖާގެ އެންމެ ފަހުގެ ވޯޓުތައް އިއުލާނުކުރުމާއެކު ބައިޑެންއަށް ލިބިފައިވާ އިލެކްޓޯރަލް ވޯޓުގެ އަދަދު ވަނީ 284 އިތުރުވެފައެވެ. ރައީސްކަން ހޯދުމަށް ބޭނުންވާ އެންމެ ދަށް އަދަދަކީ 270 އިލެކްޓޯރަލް ވޯޓެވެ.
އިލެކްޓޯރަލް ވޯޓު ބިނާވަނީ އެ ސްޓޭޓެއްގެ އާބާދީއަށެވެ. މީހުން ގިނަ ސްޓޭޓްތަކަށް ލިބޭ އިލެކްޓޯރަލް ވޯޓު ގިނައެވެ. ކޮންމެ ސްޓޭޓެއްގެ އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރެވޭނީ އެ ސްޓޭޓެއްގެ އާންމުންގެ އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓަކަށެވެ.



