ބީއެމްއެލްއިން ރީޓެއިލަރސް ލޯނަށް ހެޔޮ ބަދަލުތަކެއް ގެނެސްފި

ކޮވިޑް-19 އާ ގުޅިގެން ވިޔާފާރިތަކަށް ދިމާވާ ދަތިތަކާ ގުޅިގެން، ވިޔަފާރިތަކަށް ދޭ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރީޓެއިލަރސް ލޯނަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

އަދި ބީއެމްއެލް އިސްލާމިކް ރީޓެއިލަރސް ފައިނޭންސިންގ އަށްވެސް މިބަދަލުތައް ގެނެސްފައިވާއިރު، މި ލޯނަކީ ވިޔަފާރިތައް ހިންގުމަށް ބޭނުންވާ ފައިސާ އާއި ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދޫކުރެވޭ ލޯނެކެވެ.

ބީއެމްއެލް އިން ވިދާޅުވީ، ވިޔަފާރިތަކުން ޕީއޯއެސް މެދުވެރިކޮށް ހިންގާ މުޢާމަލާތްތަކުގެ ޖުމްލަ ވިޔަފާރީގެ ތިން ގުނައާ ހަމަޔަށް ރީޓެއިލަރސް ލޯނު ދޫކުރެވޭނެ ކަމަށެވެ. މިގޮތުން ލޯނު އަދި އޯވަރޑްރާފްޓްގެ ގޮތުގައިވެސް ރީޓެއިލަރސް ލޯނު ދޫކުރެވޭނެ ކަމަށްވެސް ބީއެމްއެލް އިން ވިދާޅުވިއެވެ.

މީގެ ކުރިން މި ލޯނު ދޫކުރަނީ ޕީއޯއެސް މެދުވެރިކޮށް މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 50،000 ރުފިޔާ ލިބޭ ވިޔަފާރިތަކަށެވެ. އެހެންނަމަވެސް މި ލޯނުގެ ޝަރުތުތަކަށް މިއަދު ގެނެވުނު ބަދަލުތަކާއެކު، މަހެއްގެ މައްޗަށް ޕީއޯއެސް މެދުވެރިކޮށް ވިޔަފާރިތަކުން ހޯދަންޖެހޭ ޢާމްދަނީ މިވަނީ 50،000 ރުފިޔާއިން 30،000 ރުފިޔާއަށް ދަށްކުރެވިފައެވެ. އެހެންކަމުން މިބަދަލާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ގިނަ ވިޔަފާރިތަކަކަށް މި ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބީއެމްއެލް އިން ވިދާޅުވިއެވެ.

މި ލޯނަށް ކަނޑައެޅިފައިވާ ޝަރުތުތަކުގެ ތެރޭގައި ވިޔަފާރިތަކުން ވޭތުވެދިޔަ 12 މަސްދުވަހު މެދުކެނޑުމެއް ނެތި ޕީއޯއެސް އިން ވިޔަފާރީގެ މުއާމަލާތް ހިންގާފައި ހުންނަންޖެހެއެވެ.

ރީޓެއިލާސް ލޯނަށް ގެނައި ބަދަލުތަކުގެ ތެރޭގައި ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން، ވިޔަފާރިތަކަށް އެންމެ ބޮޑަށް ގެއްލުންވެގެން ދިޔަ މަސްތަކުގެ ވިޔަފާރި ނުހިމަނާ ގޮތަށް ވަނީ ކަނޑައަޅައިފައެވެ.

މި ގޮތުން ވޭތުވެދިޔަ 6 މަސްދުވަހުގެ އެވްރެޖްގެ ގޮތުގައި ކަނޑައެޅިފައިވާ 30،000 ރުފިޔާ ހަމަކުރުމުގައި ވިޔަފާރިތަކަށް އެންމެ ބޮޑު ނޭދެވޭ އަސަރުކޮށްފައިވާ އެޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ނުހިމަނާ ގޮތަށް ވަނީ ނިންމައިފައެވެ.

ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް އަދި އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ، ކޮވިޑް-19 ގެ މިވޭތުވެދިޔަ މުއްދަތުގައި ވިޔަފާރިތަކަށް އެހީވުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް ބޭންކުންވަނީ އަޅާފައި ކަމަށެވެ.

"ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުމުން އަރައިގަތުމަށް ވިޔަފާރިތަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅުގައި ރީޓެއިލަރސް ލޯނާއި ބީއެމްއެލް އިސްލާމިކް ރީޓެއިލަރސް ފައިނޭންސިންގއަށް މިފަދަ ބަދަލުތަކެއް ގެނެވޭ ކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. މިފަދަ ދަތި އުނދަގޫ ހާލަތެއްގައިވެސް އަޅުގަނޑުމެންގެ އަމާޒަކީ ހަރުދަނާ ގޮތެއްގައި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދިނުން" މޫސާ ނިމާލް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ