މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމުކޮއްފައިވާ އިތުރު 71 ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.
ނިމިދިޔަ އޮކްޓޫބަރު މަހުގެ 15 ދުވަހު މީހުން ދިރިއުޅޭ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވާއިރު، އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ބަލާއިރު އިއްޔެގެ ނިޔަލަށް މީހުން ދިރިއުޅޭ 17 ރަށެއްގެ 71 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ވަނީ ދީފައެވެ. މި 71 ގެސްޓްހައުސްއާއިއެކު ގެސްޓްހައުސް ސިނާއަތުގައި މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޙިދުމަތްދެމުންދާ އެނދުގެ އަދަދަކީ 1548 އެވެ.
ގެސްޓް ހައުސްތައް ހުޅުވުމުގެ ހުއްދަ ދެމުންދަނީ، އެކަމަށް ކަނޑައެޅިފައިވާ ހާއްސަ އުސޫލުތަކެއް ދަށުން، އެ އުސޫލުތަކާ އެއްގޮތަށް ޚިދުމަތް ދެވޭ ތަންތަނަށެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކުރާގޮތުގައި ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް މިނިސްޓްރީން ހުއްދަދޭއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބަލާނީ ރަށު ފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯއެވެ. އެގޮތުން ކަރަންޓީނާއި، އައިސޮލޭޝަންގެ އިންތިޒާމްތަކާއި، ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން އެ ރަށެއްގެ ކައުންސިލުން މިނިސްޓްރީއަށް ކަށަވަރުކޮށްދޭންޖެހެއެވެ. އަދި އެތަނެއް ހުޅުވުމުގައި ކައުންސިލުގެ އެއްވެސް އިއުތިރާޒެއްނެތްކަމަށް މިނިސްޓްރީއަށް އެންގުމުން، ވަކިވަކި ގެސްޓް ހައުސްތަކުން ހުށަހަޅާ އެސް.އޯ.ޕީތަކަށް ބެލުމަށްފަހު، ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދަނީ ދެމުންނެވެ.
ލޯކަލް ޓޫރިޒަމްގެ ޚިދުމަތްދޭ ރަށްރަށުގައި ގެއިން ބޭރުގައާއި، އާއްމު ތަންތަނުގައި އުޅޭއިރު، އަނގައާއި، ނޭފަތާއި، ދަތްދޮޅި ނިވާވާގޮތަށް މާސްކް އެޅުމަށް އެޗް.ޕީ.އޭއިން ވަނީ އަންގަވާފައެވެ.



