ކޮވިޑް-19 ޖެހިގެން ދ. އަތޮޅު ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ނިޔާވި މައްސަލައިގެ ތަހުގީގު ނިމެންދެން ކަނޑިންމަ ރިސޯޓަށް ދީފައިވާ ހުއްދަ ބާތިލް ކޮށްފިއެވެ.
ކަނޑިންމަ ރިސޯޓުގެ ހުއްދަ ބާތިލު ކޮށްފައި މިވަނީ، ކޮވިޑް-19 ޖެހިގެން އެ ރިސޯޓުން ނިޔާވި މީހާގެ މައްސަލަ ފުލުހުން ބަލަމުން އަންނަކަން މިއަދު މީޑިއާއަށް ހާމަކޮށްފައި ވަނިކޮށެވެ.
ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިންވެސް އަންނަނީ އެކަމުގައި ރިސޯޓުގެ އިހުމާލެއްވޭތޯ ބަލަމުންނެވެ.
ކަނޑިންމަ ރިސޯޓުން ކޮވިޑް-19 ޖެހިގެން ނިޔާވެފައިވަނީ އުމުރުން 60 އަހަރުގެ ދ. މާ އެނބޫދޫ، އާދަމް ނަސީރުއެވެ. ނަސީރުގެ ކިބައިން ކޮވިޑް-19ގެ އަލާމާތްތައް ފެނި ބަލިބޮޑުވުމުގެ ސަބަބުން، ކަނޑިންމަ ރިސޯޓުގެ މެނޭޖްމެންޓަށް އަންގާ، ފަރުވާއަށް މާލެއަށް ދިއުމަށް އެދުމުންވެސް އެކަމަށް މާބޮޑު އަޅާލުމެއް މެނޭޖްމެންޓު ޓީމުން ދީފައި ނުވާކަމުގެ ތުހުމަތުތަކެއް އާއިލާއިންވަނީ ކޮށްފައެވެ.
ނަމަވެސް މިމައްސަލައިގައި ރިސޯޓުންވަނީ ބަލިމީހާ ބޭސްފަރުވާ އަށް ފޮނުވުން ލަސްކޮށް، އިހުމާލުވި ކަމުގެ ތުހުމަތުތަކުގައި ހަގީގަތެއް ނެތް ކަމަށް ބުނެފައެވެ.




