ކަނޑިންމަ ރިސޯޓުން އިތުރު 14 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޕޮޒިޓިވް ވި މީހުންގެ އަދަދު 60 އަށް އަރައިފިއެވެ.
ރޭ އެޗްއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، މިހާތަނަށް ޖުމްލަ 60 މީހަކު އެ ރިސޯޓުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ކަރަންޓީންގައި ތިބެ ޕޮޒިޓިވްވި މީހުންވެސް ހިމެނޭ ކަމަށާ މިވަގުތު ޖުމްލަ 44 ކޮންޓެކްޓެއް އެބަތިބި ކަމަށެވެ.
އެންމެ ފުރަތަމަ ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ހާލުބޮޑުވެގެން ފަރުވާ ދެމުންދަނިކޮށް ނިޔާވި މީހަކެވެ. މިއީ ރާއްޖޭގައި ރިސޯޓަކުން ކޮވިޑް-19 ގައި ނިޔާވި ފުރަތަމަ މީހާއެވެ.
ކަނޑިންމަ މޯލްޑިވްސްއިން ހާލުބޮޑުވެގެން ކުޑަހުވަދޫއަށް ގެންދިޔަ މީހާ ނިޔާވެފައިވަނީ އޮކްޓޫބަރު 30 ވަނަ ދުވަހުގެ ރޭ އިރާކޮޅުގައެވެ. އެމީހަކީ ދ. މާއެނބޫދޫއަށް ނިސްބަތްވާ ކަނޑިންމަ ރިޒޯޓުގެ ފިރިހެން މުވައްޒަފެކެވެ.
އޭގެ ފަހުން ނޮވެމްބަރު އެއްވަނަ ދުވަހު ކަނޑިންމަ ރިސޯޓުން ނެގި 20 ސާމްޕަލްގެ ތެރެއިން 17 ސާމްޕަލް އެއް ޕޮޒިޓިވެފައިވާއިރު ނޮވެންބަރު ދެވަނަ ދުވަހުވެސް ވަނީ ކަނޑިންމަ ރިސޯޓުން އިތުރު 2 މީހަކު ޕޮޒިޓިވް ވެފައެވެ. އަދި ނޮވެމްބަރު ތިންވަނަ ދުވަހު އިތުރު 27 މީހަކު އެ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ.



