2021 ވަނަ އަހަރު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
2021 ވަނަ އަހަރުގެ ބަޖެޓް ހުށައަޅުއްވަމުން ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީރު ވިދާޅުވީ، މިއީ އާންމު ގޮތެއްގައި ދައުލަތަށް ލިބޭ އާމްދަނީއާ އަޅައިބަލާއިރު ވަރަށް ބޮޑުތަން ކުޑަ އަދަދެއް ކަމަށާއި ނަމަވެސް މި ހިނގާ 2020 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރެވޭ އާމްދަނީއަށްވުރެ 21 އިންސައްތަ އިތުރު އަދަދެއް ކަމަށް ވިދާޅުވިއެވެ. އާމްދަނީ އަނބުރާ ކޮވިޑުގެ ކުރިން ހުރި މިންވަރާ ހަމައަށް އަންނާނެކަމަށް ބެލެވެނީ 2023 ވަނަ އަހަރު ކަމަށް އަމީރު ވިދާޅުވިއެވެ.
"2021ގެ އާމްދަނީގެ މައިގަނޑު ބައިތަކަށް ބަލާއިރު، ޓެކުހުގެ ގޮތުގައި 9.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭ. އަދި ޓެކްސް ނޫން ގޮތްގޮތުން ލިބޭނެކަމަށް ލަފާކުރެވެނީ 5.8 ބިލިއަން ރުފިޔާ. މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ލަފާކުރެވޭ." އަމީރު ވިދާޅުވިއެވެ.
އާމްދަނީ އިތުރުކުރުމަށާއި ސިޔާސަތުތަކަށް ބަދަލު ގެނައުމުގެ ގޮތުން އަންނަ އަހަރު އާމްދަނީގެ ބައެއް ސިޔާސަތުތަކަށް ބަދަލު ގެންނަން ރޭވިފައިވާ ކަމަށައި މިގޮތުން މިހާރު ރައްޔިތުންގެ މަޖިލީހުގައިވާ އެއަރޕޯޓް ސަރވިސް ޗާޖް އަދި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަށް ބަދަލު ގެނައުމުގެ ބިލް ފާސްވެ، އަންނަ އަހަރުގެ މެދުތެރެއިން ފެށިގެން ތަންފީޒުކުރެވޭނެކަމަށް ލަފާކޮށްފައިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ، ރިއަލް އެސްޓޭޓް ޓޫރިޒަމް ފުޅާކޮށް، މި ސިނާއަތުން އާމްދަނީ ހޯދުމަށް ބެލިފައިވާނެ ކަމަށާއި އަދި ރާއްޖޭގެ އެންމެ އުތުރާއި ދެކުނުން އާ ރިޒޯޓްތައް ތަރައްޤީކުރުމަށް ހުޅުވާލުމަށް ރޭވިފައިވާ ކަމަށެވެ.