ޔޫކްރެއިންގެ ރައީސް ކޮވިޑް-19 އަށް ޕޮޒިޓިވުވެއްޖެ

ޔޫކްރެއިންގެ ރައީސް ވޮލޮޑްމިއާ ޒެލެންސްކީ ކޮވިޑް-19 އަށް ޕޮޒިޓިވުވެއްޖެއެވެ.

ޒެލެންސްކީ ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާކަން ހާމަކޮށް އެގައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސްގެ ހާލުކޮޅު ރަނގަޅު ކަމަށާއި ސެލްފް އައިސޮލޭޝަންގައި ހުރި ކަމަށެވެ.

ކޮވިޑް-19 އަށް ޒެލެންސްކީ ޕޮޒިޓިވުވެފައިވާއިރު ޖޫންމަހުގެ ތެރޭގައި އަނބިކަބަލުން އޮލޭނާވެސްވަނީ ކޮވިޑް-19 އަށް ޕޮޒިޓިވުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ހޯދައިފައެވެ.

ޔޫކްރެއިންގެ ރައީސްގެ އިތުރުން އެގައުމުގެ ފިނޭންސް މިނިސްޓަރުވެސް ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. ފިނޭންސް މިނިސްޓަރާއެކު މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ އިސްބޭފުޅުންތަކެއް ޕާލަމެންޓް ސެޝަނެއްގައި ބައިވެރިވެފައިވާތީ އެބޭފުޅުންގެ ޓެސްޓުވެސް މާދަމާ ކުރުމަށްވަނީ ހަމަޖައްސައިފައެވެ.

ސެޕްޓެމްބަރުމަހުގެ ފަހުކޮޅުން ފަށައިގެން ޔޫކްރެއިނުން ކޮވިޑް-19 އަށް ޕޮޒިޓިވުވާ މީހުންގެ އަދަދުވަނީ އިތުރުވާން ފަށައިފައެވެ. އަދި މިހާތަނަށް އައި އިރުވެސް މިއަދަދު ދައްވެފައެއް ނުވެއެވެ. މިހެންކަމުން ޔޫކްރެއިން ސަރުކާރުންވަނީ ލޮކްޑައުންގެ ފިޔަވަޅުތައް މިއަހަރު ނިމެންދެން ދިގުދައްމާލުމަށް ނިންމައިފައެވެ.

ޔޫކްރެއިނުން މުޅި ޖުމްލަ މިހާތަނަށް 469,018 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވުވެފައިވާއިރު މިބަލީގައި 8,565 މީހުންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ