ހުވަދުއަތޮޅު މަޑަވެލީގައި ދޮންބައްޕަގެ ޖިންސީ ގޯނާގެ ޝިކާރައަކަށްވި 15 އަހަރުގެ ކުއްޖާއާއި އެ ކުއްޖާގެ މަންމަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އެ ކުއްޖާ އާއި މަންމަ ގެންދިޔައީ މިއަދު ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ ޚާއްސަ ޓީމެއް އެރަށް ގޮސް މައްސަލައިގެ ތަޙްޤީޤަށް ހަރަކާތްތެރިވުމަށް ފަހުގައެވެ.
އެރަށުން މި ނޫހާ ވާހަކަދެއްކި ފަރާތްތަކުން ބުނީ އެ ކުއްޖާއާއި އެ ކުއްޖާގެ މަންމަ ގޮވައިގެން މިއަދު ހަވީރު ފުލުހުންންގެ ޓީމު ފުރާފައިވާ ކަމަށެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ކުޑަ ކުއްޖާއާއި އެ ކުއްޖާގެ މަންމަ ގެންގޮސްފައިވަނީ ގދ.ތިނަދޫއަށެވެ.
މިއަދު ހެނދުނު ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، މެއި 20 ވަނަ ދުވަހު ގދ އަތޮޅުގެ ރަށެއްގައި 15 އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާކުރިކަމުގެ މައްސަލައެއް އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ ކަމަށާއި، އެ މައްސަލަ ފުލުހުންނާ ގުޅިގެން އިތުރަށް ބަލަމުންދާ ކަމަށެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި 15 އަހަރުގެ ކުއްޖާގެ އިތުރުން އެ ކުއްޖާގެ އެއްބަނޑު އެއްބަފާ ދައްކައަށްވެސް އެ ދޮންބައްޕަ ވަނީ ޖިންސީ ގޯނާ ކޮށްފައެވެ.
ގދ.މަޑަވެލީގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވިއިރު، ދާދި ފަހުން ވަނީ އެ އަތޮޅު ތިނަދޫގައި 9 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް ފެންމަތިވެފައެވެ.




