ސްޓެލްކޯގެ ތިމާވެއްޓާއި ރައްޓެހި ބަސް ސްޓޮޕް ނައިބު ރައީސް ހުޅުއްވައިދެއްވައިފި

ސްޓެލްކޯގެ އިޖްތިމާޢީ ޒިންމާގެދަށުން ހެދި ތިމާވެއްޓާއި ރައްޓެހި "ބަސް ސްޓޮޕް" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ހުޅުއްވައި ދެއްވައިފިއެވެ.

މިކަމަށްޓަކައި ސްޓެލްކޯއިންވަނީ ޚާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. ޕަބްލިކް ޓްރާންސްޕޯޓް ނިޒާމުގެ ދަށުން ދޭ ބަހުގެ ޚިދުމަތް ހޯދާ ފަސިންޖަރުން ބަހަށް އަރައިފޭބުމަށް ޚާއްޞަކޮށްގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބިނާކޮށްފައިވާ ބަސްހުއްޓި ހުޅުވައިދެއްވުމަށް މިއަދު ހަވީރު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެންމެ އިސްކަމެއް ދެއްވާ އެއް ކަމަކީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމާއި، ރައްޔިތުންނަށް އަމާންކަމާއެކު ހަމަޖެހިގެން ދިރިއުޅެވޭނެ މަގު ފަހިކުރުމަށްކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިއަދު މި ހުޅުވި ބަސްހުއްޓީގެ ސަބަބުން މަގުމަތީގެ ދަތުރުފަތުރުގެ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި، މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމާއި، ޓްރެފިކް މައްސަލަ ޙައްލުކުރުމާއި، ރައްޔިތުންނަށް އަމާންކަމާއި ސަލާމަތްތެރިކަމާއެކު މަގުތައް ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މާލޭގެ މަގުތައް ބޭނުން ކުރާ ފަރާތްތަކުން ވެސް ޒިންމާދާރުކަމާއެކު މިފަދަ ޚިދުމަތްތައް ލިބިގަތުމަށް ގޮވައިލައްވާފައެވެ. އަދި، މަގުތަކުގައި ޕާކުކުރުމުގައި ވެސް އެހެން މީހުންނަށް އުނދަގޫ ނުވާނެ ފަދަ ގޮތަކަށް ޢަމަލުކުރެއްވުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން އެ މަނިކުފާނު ވަނީ، ސްޓެލްކޯގެ އިސްވެރިންނާއި އެ މުއައްސަސާގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވާ ޝުކުރު ދަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީއާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ސްޓެލްކޯ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ބިނާކޮށްފައިވާ މި ބަސްހުއްޓިއަކީ ދަތުރުވެރިން އަވިންނާއި، ވާރެއިން ސަލާމަތްވެ ތިބެވޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ބަސްހުއްޓިއެކެވެ.

ސްޓެލްކޯ ފުރަގަހުން މާލެ ބޮޑުތަކުރުފާނު މަގުގައި ސްޓެލްކޯއިން ހެދި ބަސް ސްޓޮޕަކީ ތަނަވަސް، ތިމާވެއްޓާއި ރައްޓެރި ބަސް ސްޓޮޕެކެވެ. ބަސް ސްޓޮޕްގައި ކަރަންޓު އިރުގެ އަވިން އުފައްދާ ހަކަތައިން ބޭނުންކުރާއިރު، ފެންވެސް ފޯރުކޮށްދެނީ އިންޖީނުން އަރާ ހޫނު ބޭނުންކޮށްގެންނެވެ. އަދި ބަސް ސްޓޮޕަށް އިރުގެ އަލިވެސް ފުރިހަމައަށް ލިބޭއިރު، ޔޫއެސްބީ ޗާޖިންގ ޕޮއިންޓްތަކެއްވެސް ބަސް ސްޓޮޕްގައި ހަދާފައިވެއެވެ.

އަދި ކުރިއަތްއޮތްތާ ބަސް ސްޓޮޕްގައި ބަސް ދަތުރުތަކާއިގުޅޭ މަޢުލޫމާތުވެސް ފެންނަން ހުންނާނެކަމަށާއި، ބަސް އޮތް ސަރަޙައްދު ބެލުމަށް ޓްރެކިންގ ޑިވައިސްވެސް ޤާއިމުކުރާނެކަމަށް ސްޓެލްކޯއިންވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ