ސްޕެއިންގެ ކެޕްޓަން ސާޖިއޯ ރާމޯސްގެ ދެޕެނަލްޓީ ނާކާމިޔާބުވެ ސްޕެއިން ގްރޫޕްގެ ދެވަނައަށް ވެއްޓިއްޖެއެވެ.
ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ސްވިޒަރލޭންޑާއި ސްޕެއިން ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. ސްވިޒަރލޭންޑްގައި ކުޅުނު މިމެޗުގައި ސްޕެއިންއަށް ދެ ޕެނަލްޓީ ލިބިގެންގޮސްފައިވާއިރު، ކެޕްޓަން ސާޖިއޯ ރާމޯސް ފޮނުވާލި މިދެޕެނަލްޓީވެސް ވަނީ ނާކާމިޔާބުވެފައެވެ.
ސްޕެއިންގެ ފުރަތަމަ ޕެނަލްޓީއަކީ ސްވިޒަރލޭންޑްގެ ޑިފެންޑަރު ރޮޑްރިގޭޒްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއެކެވެ. އަދި ދެވަނަ ޕެނަލްޓީއަކީ މޮރާޓާއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ރާމޯސް ވަރަށް އާދައިގެ ގޮތަކަށް ފޮނުވާލި މިޕެނަލްޓީވެސް ސްވިޒަރލޭންޑްގެ ކީޕަރު ސޮމާވަނީ ދިފާޢު ކޮށްފައެވެ. ރާމޯސް މިދެޕެނަލްޓީވެސް ފޮނުވާލާފައިވަނީ ހަމަ އެއްތާކަށެވެ.
ރޭގެ މެޗަކީ ރާމޯސްއަށް ވަރަށް ޚާއްސަ މެޗެކެވެ. ރޭގެ މެޗުގައި ރާމޯސްވަނީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ޔޫރަޕުގެ ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ.
ސްޕެއިންގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖެހީ ސްވިޒަރލޭންޑުންނެވެ. މެޗުގެ 26 ވަނަ މިނަޓްގައި ރެމޯ ކާމިޔާބުކޮށްދިން މިލަނޑަކީ އެމްބޯލޯގެ ހުރަހަކުން ވަންޓަޗުން ފޮނުވާލި ބޯޅައެއްގައި ގޯލްގެ ދުރުމަތީކަނަށް ފޮނުވާލައިގެން ކާމިޔާބުކުރި ވަރަށް ހިތްގައިމު ލަނޑެކެވެ.
ސްވިޒަރލޭންޑްގެ މިލަނޑަށްފަހު ނަތީޖާ ހަމަހަމަކުރަން އެތަށް ފުރުޞަތުތަކެއް ސްޕެއިންއަށް ލިބި ގެއްލުވާލާފައިވަނިކޮށް މެޗުގެ ފުރިހަމަ ވަގުތުހަމަވާން އެއްމިނަޓަށް ވެފައިވަނިކޮށް ސްޕެއިންއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލުކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް ޖެރާޑު މޮރޭނޯއެވެ.
???????? Gerard Moreno secures Spain a 1-1 draw in Switzerland after Ramos has 2 penalties saved!
Fair result? ????#NationsLeague pic.twitter.com/rKiNG5NhYv
— UEFA Nations League (@EURO2020) November 14, 2020
އަދި މިނަތީޖާއާއެކު ސްޕެއިންވަނީ ލީގު އޭ ގެ ގްރޫޕް 4 ގެ ދެވަނައަށް ވެއްޓިފައެވެ.5 މެޗުން ސްޕެއިންއަށް 8 ޕޮއިންޓް ލިބިފައިވާއިރު، މިގްރޫޕްގެ އެއްވަނާގައި ޖަރުމަނީ އޮތީ 5 މެޗުން ލިބުނު 9 ޕޮއިންޓާއެކުގައެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްޕެއިންއާއި ޖަރުމަނީ ބައްދަލުކުރާއިރު، މިގްރޫޕްގެ އެއްވަނަ ލިބޭނީ މިމެޗުން މޮޅުވާ ޓީމަކަށެވެ. ސްޕެއިންގައި ކުޅުމަށް ހަމަޖެހިފައިވާ ފޯރިގަދަ މިމެޗު އޮންނާނީ މިމަހުގެ 17 ވާ އަންގާރަ ދުވަހުގެ ރެޔެވެ.



