ފޮޓޯ: ދަ އެޑިޝަން

ރައްޔިތުން އަތުން އިތުރު ފީއެއް ނަގަން އުޅޭތީ މުއިއްޒުގެ ފާޑުކިޔުން

ކޮންޖެޝަން ފީ އެއްގެ ގޮތުގައި ދައުލަތަށް އާމްދަނީ ހޯދުމަށް މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން އަތުން އިތުރު ފީއެއް ނަގަން އުޅޭތީ މާލޭގެ މޭޔަރު ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފާޑުވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ ބަޖެޓުގައި އާމްދަނީ ހޯދާނެ ވަސީލަތެއްގެ ގޮތުގައި "ކޮންޖެޝަން ޗާޖު"ގެ ނަމުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަތުން ފައިސާ ނަގަން ހުށަހަޅާފައިވާ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓްގައި، މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދުއްވާ އުޅަނދު ފަހަރުތަކުން "ކޮންޖެޝަން ފީ" އެއް ނެގުމަށް ނިންމާފައިވާއިރު، ކޮންޖެޝަން ޗާޖާއި ޕާކިން ފީގެ ގޮތުގައި އަންނަ އަހަރު 36.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

"ޓްރެފިކާ ޕާކިންގެ މައްސަލަ ހައްލު ނުވުމަކީ ރައްޔިތުން އިތުރަށް ހަނާކޮށް އިތުރަށް ފަގީރުކޮށް ނިކަމެތިކޮށްލަން ޖެހޭ ސަބަބެއް ނޫން" މުއިއްޒު ވިދާޅުވިއެވެ.

 

ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ކޮންޖެޝަން ޗާޖެއް ނަގަން ހިމަނާފައިވާ އިރު ބަޖެޓުގައި ބުނެފައި ވަނީ މާލެ ސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދަކަށްވެފައި ގިނަ އަދަދެއްގެ ދުއްވާ އުޅަނދު ބޭނުންކުރާ ސަރަހައްދަކަށް ވާތީ މަގުތަކަށް ބާރުބޮޑުވެ ބައިބޯވުމަކީ އާންމު ރައްޔިތުންނަށް އެތަކެއް އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމެއް ކަމަށެވެ. އެހެންކަމުން ކޮންޖެޝަން ފީ ނަގަނީި މާލެ ސަރަހައްދުގެ ބައިބޯވުން ކުޑަކުރުމުގެ ގޮތުން ކަމަށް 2021 އަށް ލަފާކުރާ ބަޖެޓްގައި ވެއެވެ.

މި ޗާޖު ނެގުމަށް ހަމަޖެހިފައިވަނީ ވެހިކަލް އަހަރީ ފީ ނެގުމަށް ކަނޑައަޅާފައިވާ ރޭޓުން ކަމަށާއި، މި ޗާޖުގެ ސަބަބުން މާލޭގައި ބޭނުންކުރާ ވެހިކަލްތަކުގެ އަދަދު މަދުކުރުމަން އެހީވެދޭނެ ކަމަށް ބަޖެޓްގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ބަޖެޓްގައި ބުނެފައިވަނީ މަގުތަކުގެ ކެޕޭސިޓީއަށް ވުރެ ގިނައިން އުޅަނދު ދުއްވުމުން މަގުތައް މަރާމާތުކުރަން އިތުރަށް ހޭދަކުރަންޖެހި ޕާކްކުރުމުގެ ދަތިތައް ދިމާވާ ކަމަށެވެ.

ކޮންޖެޝަން ފީ ގެ ގޮތުގައި މި ޗާޖް ނަގަން ނިންމާފައިވަނީ މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ